logo
logo
ކުރީ ސަރުކާރުގައި މަހުގެ ޓެރިފް ކުޑަ ކުރުމަށް ކުރި މަސަައްކަތެއް ފެންނާކަށެއް ނެތް: މިނިސްޓަރ ސައީދު

ކުރީ ސަރުކާރުގައި މަހުގެ ޓެރިފް ކުޑަ ކުރުމަށް ކުރި މަސަައްކަތެއް ފެންނާކަށެއް ނެތް: މިނިސްޓަރ ސައީދު

2025 އޮކްޓޯބަރު 14
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރާއްޖޭން އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް ނަގާ ޑިޔުޓީ ކުޑަކުރަން، އިނގިރޭސިވިލާތާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކުރެވުނުކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދާ ސުވާލުކުރެއްވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމުދު މިއަހަރު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ނިންމާފައިވާއިރު އެ މަސައްކަތް އޮތީ ކޮން މަރުހަލާއެއްގައި ތޯ ބެލުމަށެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު ވަނީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަތައް ފަށާފައިވަނީ 2016 ވަނަ އަހަރު ކަމަށް ވިދާޅުވެފައެވެ. އޭރު އެ މަޝްވަރާތައް ފެށިފައިވަނީ އިނގިރޭސިވިލާތް ޔޫރަޕުގެ އިއްތިހާދުން ވަކިވުމާއެކުކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމާ ގުޅޭގޮތުން ފުރަތަމަ ސިޓީ އެއް ފޮނުވާފައިވަނީ 16 އޮކްޓޯބަރ 2016 ގައި އޭރުގެ އިޤްތިޞާދީ ވަޒީރު ސޮއިކުރައްވާފައިކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުގައި އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު މަޝްވަރާކޮށްގެން، މަހުންނަގަމުން ދިޔަ ޓެރިފް ކުޑަކުރިކަމަށް މެންބަރު މީކާއިލް ވިދާޅުވެފައި ވުމުން، ވަޒީރު ވިދާޅުވީ އެ ބަދަލަކީ ސަރުކާރަކާއެކު ކުރެވުނު މަޝްވަރާއަކާއި ގުޅިފައިވާކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ސައީދު ވިދާޅުވި ގޮތުގައި، 24 ޕަސެންޓުގެ ޑިޔުޓީ 20 ޕަސެންޓަށް ކުޑަވީ، އެމްޑީޕީގެ ސަރުކާރުން ކުރި މަސައްކަތަކުން ނޫން ކަމަށާއި، އެއީ ވިލާތުގެ އިއްތިހާދު އީޔޫން އިނގިރޭސިވިލާތު ވަކިވުމަށްފަހު، ހުރިހާ ގައުމުތަކަށް ވެސް ޑިޔުޓީ ކުޑަކޮށް ކަނޑައެޅި ރޭޓު ކަމަށެވެ.

"ބްރެކްޒިޓް ގެ ކުރިން އިނގިރޭސިވިލާތުން ނަގަމުން ދިޔައީ 24 ޕަސަންޓު ޓެރިފެއް. މިހާރު ނަގަމުން ދަނީ 20 ޕަސަންޓުގެ ޓެރިފެއް. މިއީ ޕްރިފަރެންޝަލް އެގްރިމެންޓެއް ނެތް ހުރިހާ ޤައުމަކަށް، އެ ޤައުމުން ނަގާ ޓެރިފް. "

މީގެ އިތުރުން މެންބަރު މީކާއިލް ސުވާލުގައި މިއަހަރު އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށަން ހަމަޖެހިފައިވާކަން ފާހަގަކުރައްވާފައި އޮތުމުން، އެކަމަށް އިޝާރާތް ކުރައްވާ ވަޒީރު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި އެ ވާހަކަތަކުގެ އަސާސް ހިއްސާކޮށްދެއްވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޤައުމުތަކުން ރާއްޖެއަށް ލިބޭ ޓެރިފްތައް ކުޑަކުރުމަށް ނުވަތަ ރާއްޖެއަށް އެންމެ ފައިދާވާ މިންވަރަކަށް ބަދަލުކުރުމަށް ސަރުކާރުން އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް