logo
logo
ޢައްބާސް ކުރިން ބުނި އެތި ކެންސަލް؟

ޢައްބާސް ކުރިން ބުނި އެތި ކެންސަލް؟

2025 އޯގަސްޓު 09
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢައްބާސް ފަހަކަށް އައިސް ވަރަށް ބޮޑަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، މަޖިލީސް އިންތިޚާބުގެ ކެމްޕޭނުގައި، ސަރުކާރާ އެއްކޮޅަށް ދެއްކެވި ވާހަކަތަކާއި ވަޢުދުތައް ކެންސަލްވީތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް މުޙައްމަދު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ އެމްޑީއޭގެ ޓިކެޓުގައި ޢައްބާސް މަޖިލީހަށް ވާދަ ކުރެއްވި ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅާއި ފޮޓޯފުޅު ޢައްބާސްގެ ކެމްޕޭނުގައި ބޭނުން ކުރައްވާފައިވެއެވެ.

ވެލިދޫ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ކެންޑީޑޭޓެއް ވެސް ވާދަކުރެއްވިކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ކެމްޕޭނުގައި ޢައްބާސް ވަނީ ރައީސް ޑރ. މުޢިއްޒުގެ ނަންފުޅާއި ފޮޓޯފުޅު ބޭނުން ކުރައްވައިފައެވެ. އަދި ބައެއް ޕޯސްޓުތަކުގައި ޢައްބާސް ލިޔުއްވާފައި ވަނީ ރައީސް ޑރ. މުޢިއްޒުގެ ނަންފުޅާ ފޮޓޯފުޅު ބޭނުން ކުރައްވަނީ އެމަނިކުފާނުގެ ފުރިހަމަ ތާޢީދާއި ރުހުން ލިބިގެން ކަމަށެވެ.

އޭނާއަކީ ސަރުކާރާ ގުޅިގެން ދާއިރާ ތަރައްޤީކޮށްދެވޭނެ ކެނޑިޑޭޓް ކަމަށާ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ނަގަހައްޓާ ދަމަހައްޓާނެ ކެނޑިޑޭޓަކީ ވެސް ޢައްބާސް ކަމަށާ ސަރުކާރާ ގުޅިގެން ދާއިރާގެ 3 ރަށުގެ ތަރައްޤީ ކަށަވަރުކޮށްދެއްވާނެ ކަމަށް ވެސް އެ ފޮޓޯތައް ހިއްސާކުރައްވަމުން ޢައްބާސް ލިޔުއްވާފައިވެއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖުލައި މަހު ނ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފޮއްދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ދާއިރާގެ މެމްބަރުގެ އެއްބާރުލުން އެމަނިކުފާނަށް ލިބިނުލައްވާ ކަމަށާ ދާއިރާގައި ހިންގަވާ މަޝްރޫޢުތަކަށް މެމްބަރު ހުރަސް އަޅުއްވާކަމަށެވެ. ފޮއްދޫ ހިމެނެނީ ވެލިދޫ ދާއިރާގައެވެ. އެމްޑީޕީގެ މެމްބަރުންގެ ފަރާތުން އެމަނިކުފާނު ކުރައްވާ މަސައްކަތްތަކަށް ހުރަސް ނޭޅި ނަމަވެސް ވެލިދޫ ދާއިރާގެ މެމްބަރުގެ ފަރާތުން އެހުރަސްތައް ކުރިމަތި ކުރުވާ ކަމަށް ރައީސް އެ ޖަލްސާގައި ވިދާޅުވިއެވެ.

މިފަހުން ޢައްބާސް ވަނީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެތެރޭގައި ސަރުކާރު ހިންގާ ޕާޓީ ޕީ.އެން.ސީ ގެ 13 ނުވަތަ 14 މެންބަރުން ގޮޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވާ ޕީ.އެން.ސީ ދޫކޮށްލައްވާނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވެފަވެ. އަދި އެކަން އެނގިލެއްވީ ޕީއެންސީ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ބައެއް މެމްބަރުން އޭނާއާ ހިއްސާ ކުރެއްވުމުން ކަމަށް ވެސް ޢައްބާސް ވިދާޅުވިއެވެ.

ޢައްބާސްގެ މިވާހަކަތަކަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަދި ޕީއެންސީ ޕީޖީ ލީޑަރު އިބުރާހީމް ފަލާޙް ވެސް ވަނީ ރައްދުދެއްވައި އެ ވާހަކަތައް ދޮގު ކުރައްވައިފައެވެ. ޢައްބާސްގެ މި ވާހަކަތަކާއި ގުޅިގެން ޢަބްދުއްރަޙީމް ވިދާޅުވީ ޢައްބާސް އެ އިޝާރާތް ކުރައްވާ ބައްދަލުވުމުގައި އެބޭފުޅާވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާ ޢައްބާސްގެ އެ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ޢައްބާސްގެ މި ވާހަކަތަކާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް، ޕީއެންސީ ޕީޖީ ގުރޫޕުގެ ގިނަ މެމްބަރުން ރައްދުގައި ވިދާޅުވީ ޕީޖީ ގުރޫޕް އޮތީ ވަރަށް ބަދަހިކޮށް ވަރުގަދަކޮށް ކަމަށާ ޢައްބާސް ފަތުރަމުން ގެންދަވަނީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް