logo
logo
ބަންދުގައި ހުރި ކޭޕާކް މަންޑޭ ކޯޓުން ދޫކޮށްލައިފި

ބަންދުގައި ހުރި ކޭޕާކް މަންޑޭ ކޯޓުން ދޫކޮށްލައިފި

2025 ޖުލައި 03
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ކޭ ޕާކު ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ނަމަވެސް ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.

ކޭޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޖުލައި މަހު ފެށި އެ ދައުވާތަކާ ގުޅޭ ގިނަ އަޑުއެހުންތައް ކުރިއަަކަށް ނުގެންދެވެ އެވެ.

ނަމަވެސް ކޭޕާކުގެ މައްސަލާގައި ބާއްވާ ޝަރީއަތުގެ ހުރިހާ އަޑުއެހުމަކަށް މަންޑޭ ހާޒިރުވާން ޝަރުތުކޮށް މިއަދު ބަންދުން ދޫކޮށްލާފައިވާ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ. ހެކިންނަށް ނުފޫޒު ފޯރުވައި ފިލާފާނެ ހާލަތެއް އޮތް ނަމަ އޭނާ އަލުން ބަންދުކުރުމުގެ އަމުރަކަށް އެދޭނެ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

ކޭޕާކުގެ މައްސަލާގައި އެންމެ އަވަހަށް ވެސް އަޑުއެހުމެއް ބޭއްވޭނީ އަންނަ އޮގަސްޓްމަހުގެ ފަހުކޮޅުގައި ކަމަށް އެނގިފައި ވެ އެވެ. އެ މައްސަލައިގައި ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށްދާއިރު، މީގެ ކުރިން އަޑުއެހުމުގައި ކޭޕާކް ފްލެޓް ގަތް ބައެއް މީހުން ވަނީ ހެކިބަސް ދީފަ އެވެ.

މަންޑޭގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ މަންޑޭގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.

ގިނަ ބައެއްގެ އަތުން މަންޑޭ ފައިސާ ނެގި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރުގެ ފަރާތުންނެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކޮށް، އަދި އޭނާގެ ގޭގައި ހުރި އަގުހުރި ސާމާނުތަކާއި ދަބަހާއި ސެންޓާއި އަގުބޮޑު އެޕާޓްމެންޓެއް ވެސް ފުލުހުން ހިފެހެއްޓި އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް