logo
logo
މޫޑީސްއިން ރާއްޖެއަށް ދީފައިވާ ރޭޓިން  ދަމަހައްޓަން ނިންމީ ބޭރު ފައިސާގެ ރިޒާވަށް ކުރިއެރުން ލިބެމުން އަންނާތީ!

މޫޑީސްއިން ރާއްޖެއަށް ދީފައިވާ ރޭޓިން ދަމަހައްޓަން ނިންމީ ބޭރު ފައިސާގެ ރިޒާވަށް ކުރިއެރުން ލިބެމުން އަންނާތީ!

2025 މޭ 16
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ބައިނަލްއަގުވާމީ ކުރިޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ރާއްޖެއަށް ދީފައިވާ ސީއޭއޭ-2 ރޭޓިން އިތުރަށް ދަށްނުކޮށް ދަމަހައްޓަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ޑޮލަރު މާރުކުރުން ހަރުކަށިކުރުމުން ބޭރު ފައިސާގެ ރިޒާވަށް ކުރިއެރުން ލިބެމުން އަންނާތީ އެ އިދާރާއިން ކޮށްފައިވާ ދިރާސާއިން ހާމަވެއްޖެއެވެ.

މި މަހުގެ ތެރޭ ހެދި ރިވިއުއަކަށް ފަހު އޭގެ ހޯދުންތައް އެ އިދާރާގެ ވެބްސައިޓުގައި މިއަދު ވަނީ އާންމުކޮށްފައިވާއިރު، އެއީ އަދި ކްރިޑިޓް ރޭޓިންއެއް ނޫނެވެ. ހަމައެކަނި ރާއްޖޭގެ ޙާލަތުގެ ރިވިއު އެކެވެ. ރޭޓިންގެ މުރާޖައާއެއް ހަދާނީ މިއަހަރުގެ ފަހުކޮޅުގަ އެވެ.

މޫޑީސްއިން މިފަހަރު މި ހެދި ރިވިއުގެ ހޯދުންތަކުގެ ތެރޭގައި ރާއްޖޭގެ ދިގު މުއްދަތުގެ ދަރަނި ދެއްކުމުގެ ގާބިލުކަން ދައްކުވައިދޭ ރޭޓިން، ސީއޭއޭ-2 އެގޮތުގައި ދެމެހެއްޓުމަށް ބުރަވެވޭ ކަމަށް މޫޑީސްއިން ފާހަގަކުރެ އެވެ. އޭގެ، މައިގަނޑު ސަބަބަކީ ބޭރު ފައިސާއާ ގުޅޭ ގަވައިދުތައް މިދިޔަ އަހަރު ތެރޭ ހަރުކަށިކޮށް، ބޭރު ފައިސާގެ ރިޒާވް އިތުރުކުރެވޭނެ ކަމުގެ އިތުބާރު ކޮންމެވެސް ވަރަކަށް ހޯދިފައިވާތީއެވެ. 

އެ އިދާރާއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށް މިންވަރެއްގައި ހުރި ނަމަވެސް، މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. މީގެ މައިގަނޑު ސަބަބަކީ ވެސް ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާ ގޮތަށް ބޭރު ފައިސާ މާރުކުރުމުގެ އުސޫލުތަކަށް މިދިޔަ އަހަރު ތެރޭ ސަރުކާރުން ގެނެސްފައިވާ ބަދަލެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބޭރުގެ ދަރަނި އަދާކުރުމަށް ފައިނޭންސިން ނުވަތަ ފައިސާ ހޯދުމުގެ ފުރުސަތުތައް ރާއްޖެއަށް ހަނިވެފައިވުމަކީ ކަންބޮޑުވުމެއްކަމުގައި ފާހަގަ ކޮށްފައިވެއެވެ.

ފަތުރުވެރިކަން މިހާރު އަލުން ކުރިއަރަން ފަށާފައިވާތީ އިޤްތިސާދީ ދުވެލި ހުރީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް ފާހަގަކޮށްފައިވެއެވެ.

ރިވިއުގައި ފާހަގަކޮށްފައިވާ ގޮތުގަިއ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ބޭރު ފައިސާގެ ރިޒާވް މަޑުމަޑުން އިތުރުވަމުން އައި ނަމަވެސް، ކުރިއަށް އޮތް މުއްދަތުގައި ބޮޑެތި ދަރަނިތައް އަދާކުރަން ޖެހުމަކީ ރާއްޖެއާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

ރާއްޖެއަށް މިހާރު ލިބިފައިވާ ރޭޓިން ރަނގަޅުކުރުމަށް މަގުފަހިވާނޭ އިރުޝާދުތަކެއް ވެސް މޫޑީސްގެ ރިވިއުގައި ދީފައިވެއެވެ. އޭގެތެރޭގައި މާލީ ކަންކަން މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށް އިސްލާހުތައް ގެނައުން ، ބޭރު ފައިސާގެ ރިޒާވް މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށް ކުރިއެރުން ލިބޭކަން ކަށަވަރުކުރުން، ސަރުކާރުގެ ޚަރަދުތައް ކުރުމަށާއި ދަރަނި ދެއްކުމަށް ފުދޭ ވަރަށް ފައިނޭންސް ފައިސާ ހޯދޭނޭ ޔަޤީންގޮތްތަކެއް ކަށަވަރުކުރުން  ހިމެނެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް