logo
logo
ހާދިސާ އަށް ފަހު އެނަމާ ބޯޓު ތިނަދޫ ބަނދަރުގައި: ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެ ހާދިސާއެއް ކުރިމަތިވި -- ފޮޓޯ: ހަވީރު

އެނަމާ ބޯޓުގެ ހާދިސާ: ހަތަރު މަހުގެ ކުއްޖަކު ސަލާމަތްވީ ހައިރާން ކުރުވަނި ގޮތަކަށް

2024 މާރިޗު 19
އަބާންއަބާން

ފަހުގެ ތާރީހުގައި ރާއްޖޭގައި ހިނގި ކަނޑުމަތީގައި އެންމެ ބޮޑު ހިތާމަވެރި ހާދިސާ ކަމަށް އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާ އަށް މިއަދު 20 އަހަރު ފުރުނުއިރު، އެ ހާދިސާގައި އެންމެ ހަތަރު މަހުގެ ކުއްޖަކު ސަލާމަތްވުން ވީ ހައިރާން ކުރުވަނިވި ކަމެކެވެ.

އެނަމާ ބޯޓު 122 މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށް 2004 ވަނަ އަހަރު އެ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި 22 މީހުން މަރުވެ، ދެ މީހަކު ގެއްލުނެވެ. ރޭގަނޑުގެ ކަނު އަނދިރީގައި ބޯޓު ބަންޑުން ޖަހާލައި، އެންމެން ކަނޑުވެގެން އެތައް ބައެއްގެ ފުރާނަ ގެއްލި، މުޅި ގައުމު ރޮއްވާލި އެ ހިތާމަވެރި ހާދިސާގައި އޭރު އެންމެ ހަތަރު މަހުގެ ޒައިން އަހުމަދުގެ ފުރާނަ ސަލާމަތްވި ގޮތް އެއީ ޖަވާބު ނުލިބޭ ސުވާލެކެވެ.

ގއ. ވިލިނގިލިން ފުރައިގެން ތިނަދު އަށް ދިއުމަށް އެނަމާ ބޯޓު ފެށި ދަތުރުމަތީގައި ޒައިން ގެންގުޅުނީ ބޯޓުގައި ތިބި އޭނާގެ އާއިލާގެ މީހުންނާއި އެ ރަށުގެ ބައެއް ދަންނަ މީހުންނެވެ. ބޯޓު ބަންޑުން ޖަހާލި ވަގުތު ޒައިން އިނީ އެ ހާދިސާގައި ނިޔާވި ތިނަދު އަށް ނިސްބަތްވާ ފިލްމީތަރި އަމީޒާ އަހުމަދުގެ އުނގުގަ އެވެ. ބޯޓު ބަންޑުން ޖަހާލުމާ އެކު، ޒައިން ސަލާމަތް ކުރުމަށްޓަކައި އޭނާގެ އަތުގައި އެންމެ ފުރަތަމަ ހިފީ ޒައިންގެ މާމަ މަރިޔަމް ފާއިޒާ އެވެ.

388239_3_23db566ae3eb79bd4c386fea4394db52d505d136_large.jpg

އެނަމާ ބޯޓު ބަންޑުން ޖަހާލައި އަވަސް ފަރުވާ ބޭނުންވި މީހުންނާއި ކުދިންނަށް ތިނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެނީ -- ފޮޓޯ: ހަވީރު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ފާއިޒާ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ބޯޓު ބަންޑުން ޖަހާލުމުން ޒައިންގެ އަތުގައި ހިފައިގެން ހުއްޓާ ޒައިން ހަވާލުކުރަން ކޮންމެވެސް މީހަކު ގޮވި އެވެ. އޭނާ އަތުން ޒައިން އަތުލީ ވެސް އެ މީހާ ކަމަށް ބެލެވެ އެވެ. އެ ހިސާބުން ލޯމަތިން ޒައިން ގެއްލުނީ އެވެ.

ޒައިންގެ ބައްޕަ އަހުމަދު ދީދީ އޭރު ބުނެފައިވާ ގޮތުގައި ޒައިން ސަލާމަތްވި ގޮތެއް "ހިތަށް ވެސް ނުގެނެވެ" އެވެ. ބޯޓު ބަންޑުން ޖަހާލުމާ އެކު ޒައިންގެ ބައްޕަ ބޯޓުގެ ޗެންޗޭނު މަތިން ފުންމާލުމަށްފަހު އެންމެ ފުރަތަމަ އޭނާ ބެލީ އެ ބޯޓުން ދަތުރުކުރި ޒައިން އާއި ޒައިންގެ މަންމަ އާއި މާމަ ހޯދާށެވެ.

"ގޮވަން ފެށިން ދަރިފުޅު ކޮބައިހޭ. އެ އަޑަށް ކޮންމެވެސް މީހަކު ގޮވާލި ދަރިފުޅު ހެޔޮ ހާލުގައި އެބައޮތޭ." ޒައިންގެ ބައްޕަ އޭރު "ހަވީރު" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

388240_3_0e9d3d06c834d01a64ec5f70969c58724c8d7401_large.jpg

ހާދިސާ އަށް ފަހު އެނަމާ ބޯޓު ތިނަދޫ ބަނދަރުގައި: ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެ ހާދިސާއެއް ކުރިމަތިވި -- ފޮޓޯ: ހަވީރު

އެ ހިސާބުން އޭނާ މިސްރާބު ޖެހީ އެ އަޑު އައި ދިމާލަށެވެ. އެ ހިސާބުން ދެން އިވުނު އަޑަކީ ތިނަދޫން މީހުން ސަލާމަތް ކުރަން އައި ދޯންޏަކަށް ޒައިން އެރުވި ހަބަރެވެ. އެހެންވެ، އަވަހަށް ފަތާފައި ގޮސް ދޯންޏަށް އެރިއިރު ޒައިން އިނީ މީހެއްގެ އުނގުގަ އެވެ.

ނަމަވެސް ޖަވާބު ނުދެވޭ ސުވާލަކީ ޒެއިން ސަލާމަތްވި ގޮތެއް އަދި ސަލާމަތްކުރި މީހަކީ ކާކު ކަމެވެ.

"ދަރިފުޅު ކަނޑު ތެރޭގައި އޮއްވައެއް ނުދެކެން. ކަނޑުން ނެގި މީހެއް ވެސް، ނެގީ ކިހިނެއް ކަމެއް ވެސް ނޭނގޭ. އަހަރެންނަށް ފެނުނީ ދޯންޏަށް އަރުވާފައި އިންދާ." އެތައް ބަޔަކާއި އެތައް ކުދިންނެއް މަރުވި އެ ހާދިސާއާ ގުޅިގެން ޒެއިންގެ ބައްޕަ އޭރު "ހަވީރު" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ އަހުމަދު ދީދީ އޭރު ބުނެފައިވާ ގޮތުގައި ޒައިން ސަލާމަތްކުރީ ކަނޑުވެފައި އޮތް އަންހެނެއްގެ ގައިމަތީގައި އޮއްވަ އެވެ. ނަމަވެސް އެއީ ކާކު ކަމެއް ވެސް އެނގޭ މީހަކު ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ.

388249_3_56efba145323c4b90901495c68aa4645ba5811cf_large.jpg

އެނަމާ ބޯޓުގެ ހާދިސާގައި ލޮނުބޮވި އެންމެ ހާލު ބޮޑުވި އެއް އަހަރުގެ ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދަނީ: އޭނާ މަރުވީ ލަންކާގައި ފަރުވާ ކުރަނިކޮށް -- ފޮޓޯ: މިހާރު

"އެތަން ދުށް މީހަކު އަދިވެސް ދިމަލެއް ނުވޭ." އޭރު ޒައިންގެ ބައްޕަ ބުނެފައިވެ އެވެ.

އެ ހާދިސާގައި ޒައިންގެ އިތުރުން އޭނާގެ މަންމަ އާއި މާމަ ވެސް ސަލާމަތް ވި އެވެ. ނަމަވެސް ފުއްޕާމެއަށް ލޮނު އެޅުމުގެ ސަބަބުން ޒައިން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދިނެވެ. ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ގޮތަށް އެތައް ބައެއްގެ ފުރާނަ ގެއްލުނު އެ ހާދިސާއަށް 20 އަހަރު ފުރުނުއިރު ވެސް އެންމެ ހަތަރު މަހުގެ ކުއްޖަކު އެ ބިރުވެރި ހާދިސާއިން ސަލާމަތްވުން އެއީ ގިނަ ބަޔަކު ހައިރާން ކޮށްލި ކަމެކެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް