logologologologo
STO
ޚަބަރު

158 އެގްޒިބިޓަރުންނާއެކު "ވަރަ އެކްސްޕޯ 2026" މާދަމާ ހުޅުމާލޭގައި ފަށަނީ

158 އެގްޒިބިޓަރުންނާއެކު "ވަރަ އެކްސްޕޯ 2026" މާދަމާ ހުޅުމާލޭގައި ފަށަނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 25

ވަޒީފާއާއި ހުނަރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޙަރަކާތް ކަމަށްވާ "ވަރަ އެކްސްޕޯ 2026"، ބޮޑެތި ޕާޓްނަރުންތަކަކާއެކު މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށާނެއެވެ.

މި މަހުގެ 26 އިން 28 އަށް ކުރިއަށްދާ މި އެކްސްޕޯއަކީ ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ތަރައްޤީކޮށް، ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ ޚާއްޞަ އެކްސްޕޯއެކެވެ. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ތަޢުލީމީ މަރުޙަލާ ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި ވަޒީފާގެ އައު ފުރުޞަތުތައް ހޯދަން ބޭނުންވާ ފަރާތްތަކަށް ބޭނުންތެރި މަޢުލޫމާތާއި އިރުޝާދު ލިބޭނެ މުހިންމު މަންސައަކަށް މި އެކްސްޕޯ ވެގެންދާނެއެވެ.

ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ގުޅިގެން ބާއްވާ މި އެކްސްޕޯގައި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާޙައުލާ ގުޅޭ އަގުހުރި މަޢުލޫމާތުތައް ބަދަލުކުރުމުގެ ފަހި ފުރުޞަތު ތަނަވަސްވާނެއެވެ.

ޖުމްލަ 158 އެގްޒިބިޓަރުން ބައިވެރިވާ މި އެކްސްޕޯ ބަހާލާފައިވަނީ މައިގަނޑު 4 ޒޯނަކަށެވެ:

  • މާކެޓް ޒޯން: 73 ބައިވެރިން
  • ކެރިއަރ ޒޯން: 34 ބައިވެރިން
  • އެޑިއުކޭޝަން ޒޯން: 32 ބައިވެރިން
  • ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން: 19 ބައިވެރިން

މި އެކްސްޕޯގެ އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިސޯޓްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ. މީގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ގިނަ ކުންފުނިތަކަކުންވެސް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެއެވެ.

އެކްސްޕޯއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ރަސްމީ ވެބްސައިޓް (www.varaexpo.mv) މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most