މިހާރު އުމުރުން 65 އަހަރު ވުމަށްފަހު ޕެންޝަން ފަންޑު މެދުވެރިކޮށް ހައްޖު ކިޔުއަށް އެރޭނެ

ޢުމުރުން 65 އަހަރު ހަމަވާ ފަހުންވެސް ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދަށް ޢަމަލުކުރަން ފަށައިފިއެވެ.
ޕެންޝަން އޮފީހުން ބުނީ، ޤާނޫނަށް މި އިސްލާޙު ގެނައުމުގެ ކުރިން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި، ޙައްޖު ޖާގަ ކަށަވަރުވާއިރު ޢުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ފުރުޞަތެއް ނޯވެއެވެ.
ނަމަވެސް، އަލަށް ގެނެވުނު އިޞްލާޙާއެކު، ޝަރުތުހަމަވާ ކޮންމެ ޢުމުރެއްގެ މީހަކަށްވެސް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރެވޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ. އެހެންކަމުން، 65 އަހަރު ވުމުގެ ސަބަބުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވް ނުކުރެވި ތިބި ފަރާތްތަކަށާއި، ޖާގަ ކަށަވަރުވާއިރު އުމުރުން 65 އަހަރުން މަތިވެފައިވާ ފަރާތްތަކަށްވެސް މިހާރު މި ފުރުޞަތުގެ ބޭނުން ހިފޭނެ ކަމަށެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތުހަމަވާނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަ މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުތުހަމަވާނީ އެ ޢަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336،000 ރުފިޔާ ހުންނަ ނަމައެވެ.
މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. ނަމަވެސް، އެ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. އަދި ޙައްޖު ކޯޕަރޭޝަނާ ފައިސާ ޙަވާލުކުރުމާ ހަމައަށް، އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުން ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތު ދެއެވެ.
މި ޤަވާއިދު އެކުލަވާލާފައިވަނީ ޢުމުރުން 65 އަހަރު ހަމަވާ ފަހުންވެސް ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުންނެވެ.

.gif.gif&w=828&q=100)