logologologologo
STO
ޚަބަރު

ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން މަޖުބޫރުވެއްޖެ: ޤީލާ

ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން މަޖުބޫރުވެއްޖެ: ޤީލާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 05

ގައިގަޔަށް ނާރާ ބަލިތައް އިތުރުވާ މިންވަރަށް ބަލައި، މިހާރު ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައިވާ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ހެލްތު އެންޑް ފެމިލީ އެކްސްޕޯ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ފެމިލީ އެންޑް ހެލްތު އެކްސްޕޯގެ މައިގަނޑު ބޭނުމަކީ ސިއްޚީ އިޖުތިމާޢީ ޚިދުމަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުން ކަމަށެވެ. އަދި ދުޅަހެޔޮ ސިއްޚަތެއްގައި ދެމިހުރުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، ބަދަހި އިޖުތިމާޢީ ގުޅުމެއް ޤާއިމްކުރުމަަށް ހިންގޭނެ ހަރަކާތްތަކާއި މައުލޫމާތު އެކްސްޕޯގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށެވެ.

ރައްޔިތުން ދުޅަހެޔޮ ސިއްޚަތެއްގައި ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މުޖުތަމަޢުގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި ހެޔޮ ބަދަލުތައް ގެންނަން މަޖުބޫރުވެފައިވާ ކަމަށާއި ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ބޭނުންކުރުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުން އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށެވެ.

މީގެ އިތުރުން އާޢިލީ ދުޅަހެޔޮކަން އިތުރު ކުރުމާއި، އެކި އުމުރުފުރާގެ މީހުންގެ މެދުގައި އެއްބައިވަންތަކަން އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އަދި ފުރިހަމަ ސިއްޙަތެއްގައި ނަފްސާނީ ދުޅަހެޔޮކަން މަތީގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެން ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ވަޒީރު ޤީލާ ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ހެލްތު އެންޑް ފެމިލީ އެކްސްޕޯގައި 60 ފަރާތަކުން ބައިވެރިވެއެވެ.

ވަޒީރު ވިދާޅުވީ، ކުރީގެ އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ އެކްސްޕޯގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަން ތައްޔާރަށް ތިބި މިންވަރު ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ހެލްތު އެކްސްޕޯގެ ޝިއާރަކީ، "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި"އެވެ. މިޝިއާރުގެ ދަށުން ކުރިމަގު ބައްޓަން ކުރުމުގެ ވިސްނުން ހުންނަންޖެހޭ ކަމަށާއި، މިއަހަރުގެ އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ އަހަރު ލިބުނު ތަރުހީބުގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިދިޔަ އަހަރު ބޭއްވި ހެލްތު އެކްސްޕޯއަށް ދުވާލެއްގެ މައްޗަށް 10،000 މީހުން ޒިޔާރަތްކޮށްފައިވެއެވެ.

މި އެކްސްޕޯގެ ތެރެއިން ސިއްޚީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ދައްކާލާނެއެވެ. ވަޒީރު ވިދާޅުވީ، ޒަމާނީ ފަންނުވެރިކަމާއި އައު ޓެކްނޮލޮޖީ ރާއްޖޭގެ ސިއްޚީ ދާއިރާއަށް ތަޢާރަފްކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަަމެއްދީގެން ކުރަމުންދާ އެއް މަސައްކަތް ކަމަށެވެ. އަދި އެކްސްޕޯއިން ފެންނާނެ އައު ޚިދުމަތަކާއި ވަސީލަތްތަކަކީ، މި އަމާޒަށް ވާސިލުވުމަށް ލިބޭ ހިތްވަރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most