ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން އެންމެ މަތީ ޝަރަފް 5 ފަރާތަކަށް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ން ވަނަތައް ހޯދި ފަރާތްތަކަށާއި އެންމެ މަތީ ޝަރަފްކަމުގައިވާ "ރަން 5 ވަނަ" ހޯދި ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވައިފިއެވެ.
މޯލްޑިވްސް އެކްސްޕޯ 2026 ނުވަތަ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން ވަނަތައް ހޯދި ފަރާތްތައް އިޢުލާނު ކުރުމަށާއި އިނާމް ހަވާލުކުރުމަށް ބާސެލޯ ނަސަންދުރައިގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި މައުރަޒުން "ރަން 5 ވަނަ" ހޯދި ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.
ރަން 5 ވަނަ ހޯދި ފަރާތްތަކާއި ދާއިރާތައް:
1. "މެމޮރީ އޮފް ދަ ޓައިޑްސް" މަރިޔަމް ޝަހުމާގެ / ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކެޓެގަރީން
2. ޢަބްދުއްރަޝީދު ޙަސަންގެ "ދޯނި" / ލަކުޑީގެ އުފެއްދުންތައް ކެޓެގަރީން
3. "ތުނޑު ކުނާ" އުޝާ އާދަމްގެ / ޖުވެލަރީ އެންޑް އެކްސަސަރީޒް ކެޓެގަރީން،
4. "އަވަސް އެޕް" މުޙައްމަދު ޔާނިއު ރަމީޒުގެ/ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކެޓެގަރީން
5. "ކަޅުވަކަރު މިސްކިތް" އާދަމް މަންޞޫރުގެ/ އިމާރާތްކުރުމުގެ ދާއިރާއިން
ރަން ފަސްވަނައިގެ ތެރޭގައި އަމިއްލަ ފަރުދުންގެ ތިން އުފެއްދުމަކާއި ވިޔަފާރި ދާއިރާގެ ދެ އުފެއްދުމެއް ހިމެނެއެވެ.
ރަން 5 ވަނައިގެ އިތުރުން މި ރަސްމިއްޔާތުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑެއް ވަނީ ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި، ދެވަނައަށް ހޮވުނު 95 ފަރާތާއި ތިންވަނައަށް ހޮވުނު 82 ފަރާތް ހިމެނެއެވެ.
އެކި ފަންތިތަކުން އެއް ބައިވެރިއަކަށް އެއް އެވޯޑަށްވުރެ ގިނަ އެވޯޑު ލިބިފައިވާތީ، ޖުމްލަ ވަނަތައް ހާސިލުކޮށްފައިވަނީ 134 ބައިވެރިންނެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ވަނީ 76 އެވޯޑު ހާސިލުކޮށްފައެވެ.
މި އަހަރުގެ މަޢުރަޒުގައި ޖުމްލަ 419 ފަރާތަކުން 4,404 އުފެއްދުން ބައިވެރިކޮށްފައިވެއެވެ. ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭ މި އެކްސްޕޯގެ އެންމެ ގިނަ އުފެއްދުން ހިމެނެނީ އަތްތެރި މަސައްކަތުގެ ދާއިރާއިންކަން ފާހަގަ ކުރެވެއެވެ.

.gif.gif&w=828&q=100)
