logologologologo
STO
ޚަބަރު

އުރުދުންގައި ކްރިސްޓިއަނުންގެ ޖަނާޒާއަކަށް ބަޔަކު ވަދެ ބަޑިޖަހައި 6 މީހުން މަރާލައިފި

އުރުދުންގައި ކްރިސްޓިއަނުންގެ ޖަނާޒާއަކަށް ބަޔަކު ވަދެ ބަޑިޖަހައި 6 މީހުން މަރާލައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 23

އުރުދުންގައި ކްރިސްޓިއަނުންގެ ޖަނާޒާއަކަށް ހަތިޔާރުއެޅި ބަޔަކު ވަދެ ބަޑިން ހަމަލާދީ ހަ މީހުން މަރާލާފައިވާ ކަމަށް އެޤައުމުގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

މިއަދު އުރުދުންގެ ކަރަކް ގަވަރްނޮރޭޓްގެ ހްމޫދު އަވަށުގައި ހުންނަ ފައްޅިއަކަށް ދިން މި ހަމަލާގައި އިތުރު 28 މީހުން ވަނީ ޒަހަމްވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަރުކާރުގެ ތަރުޖަމާނު ޑރ. އަލް މޮމާނީ މުޙައްމަދު "ނުބައިވެގެންވާ ހަމަލާއެއް" ގެ ގޮތުގައި ސިފަކުރެއްވި މި ހާދިސާ ހިންގާފައިވަނީ ކާރެއްގައި އައި، ކާކުކަން ނޭނގޭ ހަތިޔާރުއެޅި ބަޔަކެވެ. ފައްޅިއަށް ވަދެ ބަޑިޖެހުމަށްފަހު އެމީހުން ވަނީ ފިލައިގެން ގޮސްގެންނެވެ.

އުރުދުންގެ ރަސްގެފާނު ޢަބްދުالله ދެވަނަ ވިދާޅުވީ، ކަރަކްއަށް އަމާޒުކޮށްދިން މި ނިރުބަވެރި ހަމަލާއާ ދެކޮޅަށް ކަމާބެހޭ ފަރާތްތަކުން އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ.

ބަޑިޖަހަން ފެށިއިރު ކަށުނަމާދުގެ ރަސްމިއްޔާތަށް ފައްޅި ތެރޭގައި އެތައް ބަޔަކު ތިބި ކަމަށް، އެވަގުތު އެތަނުގައި ހުރި ޚާލިދު ބުރްގާން އުރުދުންގެ ދައުލަތުގެ އަލް-މަމްލަކާ ޓީވީއަށް ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި ބަޑިއަކާއި ފިސްތޯލައެއް ހިފައިގެން އެތަނަށް ވަދެ، ހަމަލާދިން 2 މީހުން އެތައް މިނެޓެއް ވަންދެން މީހުންގެ ގަޔަށް ބަޑިޖެހިއެވެ.

ބީބީސީން ސައްހަކަން ކަށަވަރުކޮށްފައިވާ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި ހަތިޔާރުއެޅި ތިން މީހަކު މަގުމަތިން ފައްޅިއާ ދިމާއަށް ދެއެވެ. އޭގެ ތެރެއިން ދެ މީހަކު ފައްޅީގެ ގޯތިތެރެއަށް ވަންނަ ވެހިކަލް ވަންނަ ދޮރާ ދިމާއަށް ގޮސް، ކުޑަކޮށް ފަހަތަށް ޖެހުމަށްފަހު، ތިންވަނަ މީހަކާއެކު އެނބުރި އަންނަތަން ފެނެއެވެ. އެ ތިން މީހުންގެ އަތުގައިވެސް ފިސްތޯލަ ހުރި ކަމަށް ދައްކައެވެ.

ހަމަލާއަށްފަހުގެ މަންޒަރުތައް ކަމަށް ބެލެވޭ އެހެން ފުޓޭޖްތަކުން، ހާސްކަމުގެ ތެރޭގައި ބައެއް މީހުން މަރުވެފައި އަދި ޒަހަމްވެފައި ބިންމަތީގައި ތިއްބާ ފެނެއެވެ.

މިހާތަނަށް އެއްވެސް ޖަމާއަތަކުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

މި ހަމަލާއާއި ގުޅިގެން ރަސްގެފާނު ޢަބްދުالله ދެވަނަ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އެމަނިކުފާނު ލިޔުއްވާފައިވެއެވެ: "ޚިޔާނާތްތެރިކަމުގެ ވަޒަންތަކުން އުރުދުންގެ ރައްޔިތުންގެ ސަފުތައް ބައިބައިކޮށްލެވޭނެ ކަމަށް ހީކުރާ ކޮންމެ މީހެއްގެ މަސައްކަތް، އަޅުގަނޑުމެންގެ ސާބިތުކަމާއި އެއްބައިވަންތަކަމުގެ ކުރިމަތީގައި ނާކާމިޔާބުވާނެއެވެ."

ލުބުނާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޤައުމުގެ ކްރިސްޓިއަން ރައީސް ޖޯސެފް އައުން ވިދާޅުވީ، ފައްޅިއަށް ދިން މި "ނުބައި ނިރުބަވެރި ހަމަލާ" އަކީ މަރުގެ ހުރުމަތާއި ކަށުނަމާދުގެ ބައިވެރިންގެ ހުރުމަތް ކަނޑާލުން ކަމަށާއި، މިއީ ހުރިހާ ދީނީ އަދި އިންސާނީ އަގުތަކާ ޚިލާފު ކަމެއް ކަމަށެވެ.

ޢަރަބި ޤައުމެއް ކަމަށްވާ އަދި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އުރުދުންގެ ކަރަކް އަކީ ބޮޑު ކްރިސްޓިއަން އާބާދީއެއް އޮންނަ ތަނެކެވެ. އުރުދުންގައި މިފަދަ އަނިޔާވެރި ހާދިސާތައް ހިނގުން މަދު ނަމަވެސް، މާޒީގައި އެޤައުމުގައި ނުރައްކާތެރި ހަމަލާތައް ހިންގާފައިވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most