ސެންޓޭ އަށް ކެރިއަރުގެ 3 ވަނަ ރަން ބޫޓު!

މި އަހަރުގެ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ "އެފްއޭއެމް އެވޯޑްސް 2026" ހަފްލާގައި، އަހަރުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށްދޭ "ޓޮޕް ސްކޯރަރ" ނުވަތަ ރަން ބޫޓު އެވޯޑު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޤައުމީ ޓީމުގެ ތަރި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްފިކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރަސްމީކޮށް ހާމަކޮށްފިއެވެ.
މިދިޔަ ސީޒަނުގައި ކްލަބް މުބާރާތްތަކާއި ގައުމީ ޓީމަށް ކުޅެދިން މެޗުތަކުގައި ދެއްކި މޮޅު ކުޅުމަށް ބަލައިދޭ މި އެވޯޑު ސެންޓޭ ހޯދީ ޖުމްލަ 22 ގޯލު ކާމިޔާބު ކޮށްގެންނެވެ. އޭނާ ވަނީ ދިވެހި ޕްރިމިއާ ލީގުގައި 12 ގޯލު، އެފްއޭ ކަޕްގައި 7 ގޯލު އަދި ގައުމީ ޓީމަށް ތިން ގޯލު ޖަހައިދީފަ އެވެ.
މިއީ ސެންޓޭގެ ކެރިއަރުގައި އެފްއޭއެމް އެވޯޑްސްގައި ރަން ބޫޓު ހޯދާ ތިންވަނަ ފަހަރެވެ. މީގެކުރިން އޭނާ ވަނީ 2016 ވަނަ އަހަރު 34 ގޯލާއެކު އަދި 2017 ވަނަ އަހަރު 24 ގޯލު ޖަހައިގެން ރަން ބޫޓު ހޯދައިފަ އެވެ. އެ ދެ އަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދީ ސެންޓޭ އެވެ.
މީގެ އިތުރުން 2017 ވަނަ އަހަރު މިހާރު ނޫހުން ވޭއްވި މިހާރު ސްޕޯޓްސް އެވޯޑްސްގައި ވެސް ސެންޓޭ ވަނީ ރަން ބޫޓާއި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ.
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑު ފާސިރަށް ކަށަވަރުވެފައިވާއިރު، މި ފަހަރުގެ އެވޯޑް ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށާއި، ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ނޮމިނޭޝަން ލިސްޓުގައި ވެސް ފާސިރު ވަނީ ހިމެނިފައެވެ.
ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އެފްއޭއެމުން އަލުން ބާއްވާ މި އެވޯޑް ހަފްލާގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިންގެ އިތުރުން، ކޯޗުންނާއި ރެފްރީން އަދި ކުލަބުތަކުގެ އަގުވަޒަންކޮށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

.gif.gif&w=828&q=100)