އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަންގެ ވެރިޔާގެ އިސްތިއުފާއަށް ގޮވާލައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން އެ ގައުމުގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދެ ދުވަސް ތެރޭގައި ތިންވަނަ ފަހަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ރާހުލް ގާންދީއާއި އިދިކޮޅު މަޖިލިސް މެންބަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޖަންތަރު މަންތަރަށް މުޒާހަރާގެ ބައިވެރިން މިސްރާބު ޖަހައި ހިނގާލުމެއް ބޭއްވި ވަގުތުއެވެ. ކޮންގްރެސް ޕާޓީގެ ޔޫޓިއުބް ޗެނަލުން ވަގުތުން ދެއްކި ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން ވަނީ ރާހުލް ގާންދީ ވެހިކަލަކަށް އަރުވައިގެން ގެންގޮސްފައެވެ. އަދި އިދިކޮޅު އެހެން ބައެއް މެންބަރުންނާއި މުޒާހަރާގެ ބައިވެރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކާއި، އެ ޕާޓީތަކުގެ ދަރިވަރުންގެ ގޮފިތަކުގެ އިތުރުން "ކޮކްރޯޗް" ޔޫތު މޫވްމަންޓުން މުޒާހަރާ ކުރަމުންދަނީ އިލެކްޝަންސް ކޮމިޝަންގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރުގެ އިސްތިއުފާއަށް އެދިއެވެ. މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ފައިދާވާ ގޮތަށެވެ.
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ މީހުންގެ ލިސްޓުން 130 މިލިއަނަށްވުރެ ގިނަ މީހުންގެ ނަން އުނިކޮށްފައެވެ. އަދި މި ނިންމުމާ ގުޅިގެން މިލިއަނެއްހާ މީހުން ވަނީ އެކަން އިސްތިއުނާފު ކޮށްފައެވެ. 2024 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި 969 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މުޒާހަރާގެ ބައިވެރިން ބުނަނީ ލިސްޓަށް ގެނައި ބަދަލުތަކުގެ ސަބަބުން އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ގިނަ އަދަދެއްގެ މީހުންގެ ނަންތައް އުނިވެފައިވާ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުންނާއި ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެއީ އެއް ނަމެއް ގިނަ މީހުންގެ ނަމުގައި އޮތުން ހުއްޓުވުމަށާއި ގަވާއިދާ ހިލާފަށް ހުރި ނަންތައް އުނިކުރުމަށް ކުރި ކަމެއް ކަމަށް ބުނެފައެވެ.

.gif.gif&w=828&q=100)