އިންސާނުންގެ ހަރަކާތްތައް އިތުރުވުމުގެ ސަބަބުން ހިމަލާޔާގެ ރީތި ދޫންޏެއްގެ ގޮވާ އަޑާއި އުޅުމަށް ބޮޑެތި ބަދަލުތަކެއް!

އިންސާނުންގެ އާބާދީ ފުޅާވެ، ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ މަސައްކަތްތައް އިތުރުވުމުގެ ސަބަބުން ހިމަލާޔާ ސަރަހައްދުގައި އުޅޭ އެންމެ ރީތި އެއް ދޫނި ކަމަށްވާ "މޮނާލް" ގެ ގޮވާ އަޑުގެ ފްރީކުއެންސީއަށާއި އެ ސަތަރީގެ ދިރިއުޅުމުގެ އާދަކާދަތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން އިންޑިއާގެ ދިރާސާވެރިންގެ ހޯދުންތަކުން ދައްކައިފިއެވެ.
ނޭޕާލްގެ ގައުމީ ދޫނީގެ އިތުރުން އިންޑިއާގެ އުއްތަރާކަންޑް ސްޓޭޓް ރަމްޒުކޮށްދޭ ދޫނީގެ ގޮތުގައި ކަނޑައަޅާފައިވާ މޮނާލްއަކީ، އޭގެ ފިރިހެން ދޫނީގެ ފަތްތަކުގައި ހުންނަ ފެހި، ނޫ އަދި ކޮޕަރ ކުލައިގެ ދެވަނައެއްނެތް ރީތިކަމަށް މަޝްހޫރު ދޫންޏެކެވެ. އުއްތަރާކަންޑްގެ ހެމްވާތީ ނަންދަން ބަހުގުނާ ގަރުވާލްޔުނިވަރސިޓީގެ ދިރާސާވެރިން ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގި ދެ ދިރާސާއަކުން އެނގުނު ގޮތުގައި، ގުދުރަތީ މާހައުލަށް އިންސާނުންގެ އަޑުގަދަވުމާއި އުނދަގޫތައް ބޮޑުވުމުގެ ސަބަބުން މޮނާލް ދޫނިތައް ދަނީ އޭގެ އަޑުގެ ޕިޗް ނުވަތަ އަޑުގަދަމިން މަތިކޮށް، ކުރުކޮށް ގޮވަން ފަށާފައެވެ. މިއީ އިންސާނުންގެ އުޅަނދުފަހަރާއި ފަތުރުވެރިންގެ އަޑުތަކުގެ ތެރެއިން އެ މީހުންގެ ބައިވެރިންނަށް އަޑު އިއްވުމަށްޓަކައި ދޫނިތަކުން ނެރޭ އައު އާދައެކެވެ.
މީގެއިތުރުން، ފަތުރުވެރިކަމާއި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ފަރުބަދަތަކުގެ ތިރީ ސަރަހައްދުތައް ތަގައްޔަރުވެ އަޑުގަދަވުމުން، މޮނާލް ދޫނިތައް ދަނީ ފަރުބަދަތަކުގެ މައްޗަށް، ކުރިން އުޅުނު މާހައުލަށްވުރެ އުސް ހިސާބުތަކަށް ހިޖުރަކުރަން މަޖުބޫރުވަމުންނެވެ. ކްލައިމެޓް ޗޭންޖާއި މޫސުމީ ބަދަލުތަކާއެކު ސްނޯ ވިރެމުންދާތީ، އެ ދޫނިތައް އުޅޭނެ ގުދުރަތީ ރައްކާތެރި މާހައުލުތައް ކުޑަވެ، މުޅި އާބާދީ ވަކިވަކި އެކެހެރި ސަރަހައްދުތަކަށް ބެދިގެންދިއުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. މިކަމުގެ ސަބަބުން އެ ދޫނިތަކުގެ އާބާދީ އުފެދުމަށް ހުރަސްއެޅި، މުސްތަގުބަލުގައި މޮނާލް ދޫނި ނެތިދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މޮނާލް ދޫންޏަށް އަންނަމުންދާ މި ބަދަލުތަކަކީ މުޅި ހިމަލާޔާގެ ނާޒުކު ތިމާވެށްޓަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލުގެ ރަތް ސިގުނަލެކެވެ. މޮނާލް ފަދަ ވަރުގަދަ ދޫންޏެއްގެ އުޅުމަށް މިފަދަ ބޮޑެތި ބަދަލުތަކެއް އަންނަނަމަ، އެ ސަރަހައްދުގައި އުޅޭ އެހެން ނާޒުކު ދިރުންތަކަށް ކުރާނެ ނޭދެވޭ އަސަރު މިއަށްވުރެ މާ ބޮޑުވާނެ ކަމަށް ތިމާވެށީގެ މާހިރުން އިންޒާރުކުރެއެވެ.

.gif.gif&w=828&q=100)