logologologologo
STO
ރިޕޯޓް

ތާރީހުގެ ތެރެއިން: އަމީރު ހަސަން އިއްޒުއްދީނުގެ "ޕާޓީ ލައިފް" އަދި ޝަމްސުއްދީނު ރަދުންގެ ނިމުން

ތާރީހުގެ ތެރެއިން: އަމީރު ހަސަން އިއްޒުއްދީނުގެ "ޕާޓީ ލައިފް" އަދި ޝަމްސުއްދީނު ރަދުންގެ ނިމުން
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 05

ތާރީހީ ފަތްފުއްތަކުން އެނގޭ ގޮތުގައި އައްސުލްތާން މުހައްމަދު ޝަމްސުއްދީން ރާއްޖޭގައި ކުރެއްވީ ބާރުގަދަ، ދިގު، އަދި ހައިޖާނުބޮޑު ވެރިކަމެކެވެ.  ރާއްޖޭގެ ރަސްކަމުގެ ހަގީގީ ބާރުއޮތް އަތިރީގޭ އާއިލާގެ މަދަދާއެކު ޝަމްސުއްދީން ކުރައްވަމުން ގެންދެވީ ބާރުގަދަ، ވަރުހުރި ރަސްކަމެކެވެ. އެ ރަސްކަމުގައި އެކި ގޮތްގޮތުން ތުރާވެ، އަނިޔާވާ ބޭބޭފުޅުން ރަސްކަން ފުރޮޅާލުމަށް އަބަދުވެސް އެކިވަރުން މަސައްކަތް ކުރައްވަ އެވެ. ޝަމްސުއްދީން ރަދުންގެ ވެރިކަމާ ދެކޮޅަށް އެތައް ގަޑުބަޑެއް ރާވައި ހިންގި ނަމަވެސް، އެ ހުރިހާ ފަހަރަކުވެސް އެކަމުން ރެކިވަޑައިގެން ތަހުތު ދިފާއުކުރެއްވީ ހައިރާންވާހާ ރޭވުންތެރިކަމާއެކު އެވެ.

ޝަމްސުއްދީން ރަދުންނަށް ސަލާމަތްވެވަޑައިނުގެންނެވުނީ ހެންވޭރުގަނޑުވަރު ގަޑުބަޑުންނެވެ. އެއީ އެ ރަދުންގެ ދޮށީ ދަރިކަލުން، އަލްއަމީރު ހަސަން އިއްޒުއްދީނު އޭނާއަށް ވަފާތެރި ބަޔަކާއެކު ހިންގެވި ގަޑުބަޑެކެވެ.

އަލްއަމީރު ހަސަން އިއްޒުއްދީންއަކީ ރުޅިގަދަ، ޖެހިލުންކުޑަ އަދި ބޭއިންސާފު ބޭފުޅެއްކަމަށް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ލިޔުއްވާފައި ވެއެވެ. އަލްއަމީރު ހަސަން އިއްޒުއްދީނަކީ ރަދުން އެންމެ ލޯބިފުޅުވި އަމީރެވެ. އެ ލޯބީގެ ހެއްކަކަށް ޑިސެމްބަރު 7، 1919 ގައި ހުޅުވުނު ހެންވޭރުގަނޑުވަރު ފުދެ އެވެ. އެއީ ދޮންބާޑަރައިންގެ މައިފުނު ގެ ކަމަށްވާ މުލީގެ ހުރި ބިމެވެ. މަތިމަތިފުށުން ވާރުތަވަމުން އައިސް ޝަމްސުއްދީންއަށް އެ ބިން ވާރުތަވުމުން، އެ ބިމާ އިންވެގެންހުރި ބިންތައްވެސް ބައްލަވައިގަނެ، އެ ކޮށި އެއްކޮށް ނަންގަވައި، އަމީރު އިއްޒުއްދީނަށް ގަނޑުވަރެއް ބިނާކޮށްދެއްވީ އެވެ. 

ޝަމްސުއްދީން ރަދުންގެ ދަރި، އަލްއަމީރު ހަސަން އިއްޒުއްދީން ހެންވޭރު ގަނޑުވަރަށް ބަދަލުވީ އުމުރުން 20 އަހަރުގައެވެ. ގަނޑުވަރަށް ދިރިއުޅުން ބަދަލުކޮށް މާގިނަ ދުވަހެއް ނުވެ އުމުރުން 12 އަހަރުގެ އަތިރީގޭ އާމިނާ ދީދީ އާއި ކައިވެނިކުރިއެވެ. އޭނާ އަށް އާގޭ ދީދީއޭވެސް ކިޔައި އުޅެއެވެ. ކައިވެނީގެ ކުރިން އެކަކު އަނެކަކަށް ނުފެނި، އާއިލާގެ ރޭވުމަކުން ކުރި މި މިކައިވެނި ޕާޓީއަށް 300 އަންހެނުންނަށް ދައުވަތުދިނެވެ.

 ޝާހީ ރަސްކަމާއި، ސަރުކާރު ހިންގަމުން އައި ބޮޑުވަޒީރުގެ ޢާއިލާއާ އިތުރަށް ގުޅުވާލުމުގެ ގޮތުން ކުރި މި ކައިވެނި މާގިނަ ދުވަހަކަށް ދެމިގެންނެއް ނުދިޔަ އެވެ. ފަހުން އަމީރު އިއްޒުއްދީން އިތުރު ކައިވެންޏެއް ކުރެއްވި އެވެ.

ފުރަތަމަ ކައިވެންޏަށް ފަހު އަލްއަމީރު ހަސަން އިއްޒުއްދީން އިސްކޮށްހުރެ ގަނޑުވަރުތެރޭގައި ގަދައަށް ޕާޓީ ބާއްވަމުން އައި ކަމަށް ވެއެވެ. ސްރީލަންކާއިން މިއުޒިކް ކިޔަވައިގެން ހުރި އަލްއަމީރު ހަސަން އިއްޒުއްދީންގެ އަޑުވެސް ނުހަނު ރީއްޗެވެ. ގިޓާ ވެސް ކުޅުނެވެ. އަދި އެހެން މިއުޒިކު އާލާތްތައް ވެސް ކުޅެއުޅުނެވެ. ލަވަވެސް ކިޔައި އުޅުނެވެ.

ހިތްޕުޅުގެ ހަމަޖެހުމަށް އެކުވެރިންނާއެކު ހެންވޭރު ގަނޑުވަރުގައި ލަވަ ވިދާޅުވުމާއި މިއުޒިކު ކުޅުއްވުމުން ފެއްޓެވި މަޖިލިސްތައް ނުހަނު އަވަހަށް ނާޗަރަންގީއަށް ބަދަލުވެގެން ދިޔައީ އެވެ. މާލެ ތެރެއިން ޒުވާން ފިރިހެން ކުދީން ހޯއްދަވައި، އެކުދިންގެ މޭމައްޗަށް އަންހެނުންގެ ސިފަގެނެސް އެންމެން ސާޅިއަޅައިގެން ނަށަނީ އެވެ. އިއްޒުއްދީން ވެސް ރޫބައިއަޅުއްވައިގެން ނަށްޓަވަ އެވެ. އިސާހިތަކު އެ ނާޗަރަންގީގެ ތެރެއަށް އައްޔާޝީ އަމަލުތައް ވަދެ، އެ މަޖިލިސްތަކުގެ މައި ރުކުނަކީ ވެސް އެއީ ކަމަށް ވެއްޖެ އެވެ. ދެ ޖިންސުންނާއި އެއްޖިންސުން ފާހިޝް އަމަލުތައް ފެށި އެންމެންގެ ހިތުގެ އުފަލަކީ އެއީ ކަމަށް ވެއްޖެ އެވެ. ރޭ ދެބައިވަންދެން ކުރިއަށް ގެންދެވުނު ހަފުލާތައް އިރުއެރުމާހަމައަށް ދަންމާލެވިއްޖެ އެވެ.

ރޭގަނޑުގެ މިމަޖަލުގައި އޭނާ އަނބިމީހާ ބައިވެރިނުކުރެއެވެ. އަނބިމީހާ ހުންނަނީ ކޮޓަރިއެއްގައި ބަންދުކޮށްފައެވެ. ފަހުން އިތުރުކައިވެނިތައްވެސް ކުރެއްވި އެވެ. ގިނަ ފަހަރަށް ދެއަނބިން ތިބި ނަމަވެސް ދިރިއުޅެމުން އައީ އަނބިންނާއި ވަކިން، އެހެނަސް ގަނޑުވަރުތެރޭގައެވެ. ރޭގަނޑު އަނބިން ތިބެންޖެހެނީ ހާދިމުންނާއެކު އުނދޯލި ހެއްލަން އުނދޯލިގޭގައެވެ. ޕާޓީކުރާ ތަނަށް ދިޔުމުގެ ހުއްދައެއް އެމީހުންނަކަށް ނޯވެއެވެ.

އަލްއަމީރު އިއްޒުއްދީންދެކެ ޝަމްސުއްދީން ވެވަޑައިގަންނަވާ ލޯތްބެއްގެ ބޮޑުކަމުން އެ އަމީރުގެ އެއްވެސް އެދުމަކަށް ހުރަހެއް ނާޅުއްވަ އެވެ.

މީރުބަހުރު މުޙައްމަދު އިސްމާޢީލް ދީދީގެ ލިޔުމެއްގައި ވެއެވެ. “ޢައްޔާޝީ މަޖަލާއި ޖިންސީ އުފަލުގެ ތެރެއަށް ވެދެވަޑައިގެންނެވިލެއް ބޮޑުކަމުންކަންވެސް ނޭނގެއޭ، ދުވަސްކޮޅެއްވިއިރު، ނާރުފުޅުތަކުގެ ބާރުދެރަވެ، ޢަޞްބީ އާލާސްކަންފުޅެއް ހުށަހޮޅިއްޖެއެވެ."

ޢަޞްބީ އާލާސްކަންފުޅެކޭ ބުނެފައިއެވަނީ ކިހުނު ބައްޔަށެވެ. އެއީ ޖިންސީ ގުޅުމުން އަރާ ބައްޔެކެވެ. އެބަލި ޖެހުމާއި އަދި އޭނާގެ އުޅުން ހުރި ގޮތުން އޭނާ އަކީ ރަސްކަމަށް ކުފޫ ހަމަވާ މީހެއް ނޫންކަމަށް ދައުލަތުގެ އިސް ވެރިން ނިންމިއެވެ. 1932 ވަނަ އަހަރުގައި އެކުލަވާލި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައި ދިވެހި ރަސްކަން، ދޮންބަންޑާރައިންގެ ދަރިފަސްކޮޅުގެ ރަސްކަލަކަށް ކާފަ ވިދާޅުވާ ބޭފުޅަކަށް ވާރުތަވާނެ ކަމަށް ލިޔުނެވެ. އޭރު ވެސް އެކަމާ ފިކުރާއެއް ނެތި ހެންވޭރުގަނޑުވަރު ނަށާޕާޓީގެ މެހެފިލްތައް ކުލަދަގަކޮށް ކުރިއަށް ދެ އެވެ.

އެ ހިސާބުން އަލްއަމީރު  ޙަސަން ޢިއްޒުއްދީނަށް ޚާއްޞަވެފައި އޮތް ވެރިކަމުގެ ތާޖު ގެއްލުނީއެވެ. އޭގެ ފަހުން ދެން ގަނޑުވަރުތެރޭ ކުރި މަޝްވަރާތަކަށް ފަހުވެސް ރަސްކަން ވާރުތަވާނެ ގޮތެއް ޕްރިންސް ހަސަނަށް އަދި އެ އާއިލާއަކަށް ނުހޯދުނެވެ.

މި ހިސާބަށް ދިޔައިރު، ޝަމްސުއްދީންގެ ވެރިކަމަށް ބައިއަތުހިފައިގެން ތިބި އަތިރީގޭ ބޭފުޅުން ވެސް އެ ރަދުންގެ ވެރިކަމަށް ނުރުހިއްޖެ އެވެ. ނަތީޖާއަކަށްވީ އެކި ގޮތްގޮތަށް ރަދުންނަށް ދަތިކުރައްވަން ފެއްޓެވުމެވެ. ޝަމްސުއްދީނަށް އެންމެ ދަތިފުޅުވި މައްސަލައަކަށްވީ، ހެންވޭރުގަނޑުވަރުގެ ނަށާޕާޓީ ކުދިންގެ ބަދުއަހުލާގީ މައްސަލަ ސަރުކާރުން ތަހުގީގު ކުރައްވަން ފެއްޓެވުމެވެ.

މުޅި މައްސަލަ ގޯސްވެ ރަސްކަމުގެ ބާރުތަކުގެ ބޭނުން ނުފެންނަ ހިސާބަށް ކަންކަން ދިއުމުން އަމީރު އިއްޒުއްދީން ވިދާޅުވި އެވެ. "ބައްޕާފުޅުގެ ރަސްކަމެވެ. އެކަމަކު ބަހެއް ނުވިކެއެވެ. އެހެންވީމާ އަޅުގަނޑު މިދަނީ މިތިބަ ހުރީހާ ކުދިންނާ އެކުގައި އެކުދީންނަށް ލިބޭ އަދަބެއް ލިބިގަތުމަށެވެ. އަދިހަމައެކުދީންނަށް ކާންދޭ އެއްޗެއް ކައިގެން ބަނޑޭރި ގޭގައި ހައްޔަރުވެގެން ހުންނާށެވެ." އަމީރު ވިދާޅުވި ކަމަށް އަހުމަދު "ކަށިމާ" ޝާކިރު، 2004 ވަނަ އަހަރު ލިޔުއްވާފައިވެ އެވެ.

އެހެންވެ ޝަމްސުއްދީން ރަދުންނަށް މަޖުބޫރުވެވަޑައިގަތީ ލޯބިފުޅުވާ ދަރިކަލުންގެ ހައްގުގައި، ތަހުތު ދޫކޮށްލައްވައި ބޮޑުބަނޑޭރިގެ އަށް ވަޑައިގަންނަވާށެވެ. އެއީ ރަދުން ގާނޫނު އަސާސީއާ ހިލާފުވެވަޑައިގަތުމެވެ. ނަތީޖާއަކަށް ވީ އިއްޒުއްދީނަށް ރަސްކަމަށް ވަޑައިނުގެންނެވޭނެ ގޮތަށް މަގު ކޮށްޓަވަމުން ގެންދެވި ހަސަން ފަރީދު އިސްވެ ހުންނަވައި، ރަދުން ޝަމްސުއްދީން އަޒުލު ކުރައްވައި އެމަނިކުފާނާއި އަމީރު އިއްޒުއްދީން ފުވައްމުލަކަށް ފޮނުވާލެއްވުމެވެ.

ޕާޓީ ކުރެއްވުމާއި މަޖާކުރެއްވުމުގައި މުޅި އުމުރު ހޭދަކުރެއްވި އިއްޒުއްދީން އަވަހާރަަވީ، އާއިލާއާ އުފަން ރަށާ ދުރުގައި ފުވައްމުލަކުގަ އެވެ. ވަޅުލާފައި ވަނީ އެ ރަށު އިހުގެ ހުކުރު މިސްކިތުގަ އެވެ. އެ ހިސާބުން ޝަމްދުއްދީން މާލެ ގެންނަވައި، ވިލިނގިލީގައި ބެހެއްޓެވީ އެވެ. ފަހުން ހާލު ބޮޑުވެގެން މާލެ ގެންނަވާފައި ހުންނަވަނިކޮށް އަވަހާރަވީ އެވެ.

ޝަމްސުއްދީން ރަދުން ކުރެއްވި ހައިބަތުބޮޑު، ބާރުގަދަ ވެރިކަމުގައި އެ ރަދުންނާ ދެކޮޅަށް ކުރެވުނު އެއްވެސް ބަޣާވާތަކުން، ނުވަތަ ސިޔާސީ ދެކޮޅުވެރިކަމަކުން ވިޔަސް ތަހުތަށް އެރި ލޮޅުމެއް ނެތެވެ. އެތެރެެ އާއި ބޭރުގެ ބާރުތަކުން ރޭވި ކޮންމެ ގަޑުބަޑެއް ނާކާމިޔާބު ކޮށްލެއްވީ ހުށިޔާރުކަމާއެކު އެވެ. އެހެންނަމަވެސް ދަރިކަލުންދެކެ ވެވަޑައިގެންނެވި ކަނުލޯތްބާއި، ދަރިކަލުންގެ އައްޔާޝީ އަމަލުތަކަށް އަދަބު ލިބުނަ ނުދީ ހިމާޔަތް ދެއްވުމަށް ކުރައްވަންޖެހިވަޑައިގެންނެވި މަސައްކަތްޕުޅުގެ ނަތީޖާއަކީ ދިގުވެރިކަމެއްގެ ނިމުމެވެ.

 

 

 

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most