ނިއު ރޭޑިއަންޓުން ފުލުހަށް ހުށަހެޅި މާޒިޔާގެ ސުޒެއިރުގެ މައްސަލަ އަނބުރާ ގެންގޮސްފި

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، މާޒިޔާގެ އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒެއިރުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށްފަހު ނިއު ރޭޑިއަންޓުން އަނބުރާ ގެންގޮސްފިއެވެ.
މީގެ ހަފުތާއެއް ކުރިން ކުޅުނު މި މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ލަނޑު ޖަހައި، 3-2 އިން މާޒިޔާ ބަލިކޮށް ނިއުއިން ވަނީ ތާރީޚީ މޮޅެއް ހޯދާފައެވެ. މިއީ 2022 ވަނަ އަހަރުގެ އޭޕްރީލްގެ ފަހުން ލީގު މެޗަކުން މާޒިޔާ ބަލިވި ފުރަތަމަ ފަހަރެވެ. އަދި 2018 ވަނަ އަހަރަށްފަހު ލީގުގައި މާޒިޔާ އަތުން ނިއުއަށް ލިބުނު ފުރަތަމަ މޮޅުވެސް މެއެވެ. އެ މެޗުގެ ތެރޭގައި ސުޒެއިރަށް ރަތް ކާޑު ދެއްކީ ނިއުގެ އެސިސްޓަންޓް ކޯޗު ލޫޝިއާނޯ ބާބޯސާއަށް ހަމަލާދިނުމުން ކަމަށް ނިއުއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެ މައްސަލަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަމުން ދަނިކޮށް، ނިއުއިން ވަނީ އެ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައެވެ. ނަމަވެސް، މިހާރު އެ މައްސަލަ އަނބުރާ ގެންގޮސްފައިވާކަން ކަށަވަރުކޮށްދެއްވަމުން ނިއު ރޭޑިއަންޓްގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވީ، ފުލުހަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދެވީ އެފްއޭއެމްއިން މި މައްސަލަ ރަސްމީކޮށް ބަލަމުންދާތީ ކަމަށެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ހިނގި މި ހަމަނުޖެހުމާ ގުޅިގެން ހަތް މިނެޓަށް މެޗުގެ ކުޅުން މެދުކަނޑާލަންޖެހުނެވެ. ހަމަނުޖެހުން އުފެދުނީ ރެފްރީ ފައުލެއް ކަށިގަނޑު ފުމުމުންވެސް، ނިއުގެ ލައިބީރިއާ މިޑްފީލްޑަރު ޔާޔާ ބިލީޓީ ޖެހި ބޯޅައެއް މާޒިޔާގެ އަބްދުއްﷲ ލޫތު އިބްރާހިމް ގައިގައި ޖެހުމުންނެވެ. އެއާއެކު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް އަރައި މަޝްރަހު ހޫނުވިއެވެ.
މި ހަމަނުޖެހުމާ ގުޅިގެން ރެފްރީ ވަނީ ނިއުގެ ބިލީޓީއާއި އީތަން އިބްރާހިމް ޒަކީގެ އިތުރުން މާޒިޔާގެ އިޔާން އަބްދުލް އަލީމަށް ރީނދޫ ކާޑު ދައްކާފައެވެ. އަދި މާޒިޔާގެ ޙަސަން ޝިފާޒް (ޑުންގާ) އާއި ނިއުގެ ޢަބްދުﷲ މައިސާން (މައި) ގެ އިތުރުން މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
އާންމުކޮށް ބައިނަލްއަޤުވާމީ މުބާރާތްތަކުގައި މެޗުގެ ތެރޭގައި ހިނގާ މިފަދަ ހަމަނުޖެހުންތައް ފުރަތަމަ ބަލަނީ އެސޯސިއޭޝަނުގެ ޑިސިޕްލިނަރީ ކޮމިޓީންނެވެ. އެފްއޭއެމްގެ ކޮމިޓީން މައްސަލަ ބަލަމުން ދަނިކޮށް ކްލަބަކުން ސީދާ ފުލުހަށް މައްސަލަ ހުށަހެޅި މިއީ ފުރަތަމަ ފަހަރެވެ. ގަލޮޅު ދަނޑުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުން އެންމެ ފަހުން ބަލާފައިވަނީ 2024 ވަނަ އަހަރުގެ ދެވަނަ ޑިވިޝަން މެޗެއްގައި ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ.

.gif.gif&w=828&q=100)