ބިދޭސީންގެ ފީތަކާއި ޖޫރިމަނާއިން ދައުލަތަށް ނުލިބި އޮތް 1.2 ބިލިއަން ރުފިޔާ ހޯދައިފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅިގެން ދައުލަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ މިހާތަނަށް ހޯދާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ވުޒާރާގެ ނައިބު އަހުމަދު އަސަދު ވިދާޅުވީ، މި ސަރުކާރުން ހަވާލުވިއިރު ކޯޓާ ފީ އާއި އެކި ކަހަލަ ޖޫރިމަނާތަކުގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ އޮތް ކަމަށެވެ. ނަމަވެސް، ފާއިތުވި މުއްދަތުގައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އޭގެ ބޮޑުބައެއް މިހާރު ވަނީ ދައުލަތަށް ހޯދިފައެވެ. މި ފައިސާ ހޯދުމަށްޓަކައި ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން، ގަވާއިދުން ފީ ނުދައްކާ ފަރާތްތަކަށާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުންނަ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ދެމުން އައި ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލުމާއެކު، ގިނަ ބަޔަކު ދަނީ ފައިސާ ދައްކައި ގަވާއިދަށް ފެތުމަށް މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން، ބޮޑެތި އަދަދުތަކުން ޖޫރިމާނާ އަރާފައިވާ ކުންފުނިތަކަށް ލުއިދިނުމުގެ ގޮތުން، އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ.
ޚިދުމަތުގެ އަވަސްމިނާ ގުޅޭގޮތުން ދާޚިލީ ވުޒާރާގެ ނައިބު އަހުމަދު އިބްރާހީމް ދީދީ ވިދާޅުވީ، ސިސްޓަމަށް ގެނެވޭ ބަދަލުތަކާއެކު ވޯކް ޕާމިޓަށް ނުވަތަ ސައިޓް ރަޖިސްޓްރީކުރަން އެދޭތާ 24 ގަޑިއިރުގެ ތެރޭގައި ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، ދައުލަތަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަންނަނީ ނިޒާމީ ގޮތެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

.gif.gif&w=828&q=100)