logologologologo
STO
ޚަބަރު

ސިފައިން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ސިފައިން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 16

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ، ގިރިފުށީ ހެވިކަމުގެ މައިދާނުގައި މިއަދު ހަވީރުއެވެ.

މި ރަސްމިއްޔާތުގައި، ތަމްރީނު ކޯސް ‌‏ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު ޙުސައިން މަޒީދުއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ހުވާކުރެއްވި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ދިވެހި ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯސް ކުރިއަށް ގެންދަވާފައިވަނީ މި ހިނގާ 2026 ވަނަ އަހަރުގެ މާރިޗު 7 ވަނަ ދުވަހުން ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. 72 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންދަވާފައި ވަނީ އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިންގ ސެންޓަރުގައެވެ. 73 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންދަވާފައި ވަނީ ކ.ގިރިފުށީގައެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރި، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.

މި ރަސްމިއްޔާތައްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކ.ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން، މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތުގެ އަދާހަމަ ބައްލަވާލައްވާފައެވެ.

ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރެއްވުމަށްޓަކައި އެކަށައަޅުއްވާދެއްވާފައިވާ އިސްތިރާޖީ އެންމެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ތަމްރީނުގެ ވަޞީލަތްތައް ޤާއިމްކޮށް، ސިފައިންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ކުރިއަށް ގެންދަވާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގައި ބިން ހިއްކުމާއިއެކު ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް