އައިޔޫއެމްގެ ދިރާސާއަކުން ދެއްކީ ގްރޭޑް 9-10ގެ ކުދިން ނިދަނީ މެންދަމުން އަލިވާއިރު ކަމަށް

ރާއްޖޭގެ ބައެއް ސްކޫލުތަކުގެ ގްރޭޑް 9-10ގެ ގިނަ ދަރިވަރުން ނިދަނީ މެންދަމުން އަލިވާ ފަހުން ކަމަށް، އިސްލާމިކް ޔުނިވަސިޓީއަކުން ހެދި ދިރާސާއަކުން އެނގިއްޖެ އެވެ.
ދިރާސާގެ މި މައުލޫމާތުތައް އާއްމު ކުރެއްވީ، ދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، އެ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފްސަރު އަދި އެތަނުގެ ސެންޓަ ފޯ ރިސާޗު އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާ އެވެ.
ޝާފިޔާ ވިދާޅުވި ގޮތުގައި، އެ ދިރާސާ ހެދީ، ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ސަބަބުތައް ދެނެގަތުމުގެ ގޮތުންނެވެ. މާލެ ސަރަހައްދުގެ ގިނަ ސްކޫލުތަކާއި ކ. އަތޮޅާއި އއ. އަތޮޅާއި ހދ. އަތޮޅުގެ ގިނަ ސްކޫލުތަކުގެ ގްރޭޑް 9-10ގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހެދި އެ ދިރާސާއިން ދެއްކީ، އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ހިތާމަވެރި ނަތީޖާ އެކެވެ.
"ކިހާއިރަކުތޯ އެ ކުދިން ނިދަނީ؟ [މެންދަމުން އަލިވެ] 3:30ގައި. 2:30ގައި. 1:30 ގައި. ހަތަރެއް ޖަހާއިރު،" ދަރިވަރުންނާ ވާހަކަ ދައްކަވަމުން ޝާފިޔާ ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވީ ނިދުން މަދުވުމުގެ ސަބަބުން ދަރިވަރުން ކްލާހަށް ގޮސް ނިދިޖެހުމާއި، ކްލާހަށް ހާޒިރު ނުވެވުމާއި ޓީޗަރުން ދެކެ ހިތްހަމަނުޖެހުން ފަދަ ކަންކަން ދިމާވާ ކަމަށެވެ.
ޝާފިޔާ ވިދާޅުވި ގޮތުގައި، ސަބަބުތައް ބެލިއިރު، ކުދިންގެ ނިދުން ލަސްވުމުން ހެނދުނުގެ ވަގުތު ކުދިންގެ ބަނޑު ގޯސްވުމާއި، މޫޑު ގެއްލުމާއި ބޮލުގައި ރިހުން ފަދަ ކަންތައްތައް ދިމާވެ، ސްކޫލަށް ނުދެވެނީ އެވެ.
އޭގެ އިތުރުން ނިދި މަދުވުމުގެ ސަބަބުން، ކުލާހަށް ގޮސް ނިދުމާއި ކުލާހަށް ހާޒިރުވުން މަދުވެ، ޓީޗަރުންދެކެ ހިތްހަމަނުޖެހުމާއި ހޯމްވާކް ހެދުމުގައި ވެސް ދަތިތައް ދިމާވާ ކަމަށް އެ ދިރާސާއިން ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާފިޔާ ވިދާޅުވީ ސޯޝަލް މީޑިއާގެ ކޮންމެ ވަސީލަތެއް ހުޅުވާލާއިރަށް މިހާރު ވަރަށް ގިނަ މައުލޫމާތު ލިބޭ ކަމަށާއި މައުލޫމާތު އެހާ ގިނަ ވުމަކީ ވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އެ ޔުނިވާސިޓީން ކުރި ދިރާސާގެ އިތުރު ތަފުސީލެއް ޝާފިޔާ ނުދެއްވަ އެވެ.
ޝާފިޔާގެ ވާހަކާގައި ވަނީ ކާމިޔާބު ދަރިވަރަކަށް ވުމަށް ކުރަން ޖެހޭ ކަންތައްތަކާއި ކޮށްގެން ނުވާނެ ކަންތައްތައް ވިދާޅުވެދެއްވައިފަ އެވެ. އަދި ބުއްދީގެ ބޭނުން ހިފައި ކީރިތި ރަސޫލާގެ އިރުޝާދުތަކުން އިބުރަތް ހާސިލްކުރުމަށް ޝާފިއާ ނަސޭހަތް ދެއްވި އެވެ.

.gif.gif&w=828&q=100)