logologologologo
STO
ދުނިޔެ

ދުނިޔޭގެ މަޝްހޫރު ޕިއްޒާ ހަޓް، ވިއްކާލަނީ!

ދުނިޔޭގެ މަޝްހޫރު ޕިއްޒާ ހަޓް، ވިއްކާލަނީ!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 17

ދުނިޔޭގެ މަޝްހޫރު ފާސްޓްފުޑް ފްރެންޗައިޒް "ޕިއްޒާ ހަޓް" އަށް ދިމާވެފައިވާ މާލީ ދަތިތަކާއި ވިޔަފާރި ދަށްވުމުގެ ސަބަބުން، އެ ބްރޭންޑް 2.7 ބިލިއަން އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 2 ބިލިއަން އިނގިރޭސި ޕައުންޑަށް) ވިއްކާލަން ނިންމާފައިވާކަން އޭގެ މައި ކުންފުނި ކަމަށްވާ "ޔަމް! ބްރޭންޑްސް" އިން އިއުލާންކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ޕިއްޒާ ހަޓްގެ ވިޔަފާރި ބަހާލާނީ ދެ ބަޔަކަށެވެ. އެގޮތުން ޕްރައިވެޓް އީކުއިޓީ ފާމެއް ކަމަށްވާ "ލޯންގްރޭންޖް ކެޕިޓަލް" އިން މެއިންލޭންޑް ޗައިނާ ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ހިސާބެއްގެ އޮޕަރޭޝަންތައް 1.5 ބިލިއަން ޑޮލަރަށް ގަންނަން ނިންމާފައިވާއިރު، ޗައިނާގެ އެތެރޭގެ އޮޕަރޭޝަންތައް 1.2 ބިލިއަން ޑޮލަރަށް ގަންނާނީ "ޔަމް ޗައިނާ ހޯލްޑިންގްސް" އިންނެވެ.

"ޔަމް! ބްރޭންޑްސް" ގެ ޗީފް އެގްޒެކެޓިވް ކްރިސް ޓާނާ ވިދާޅުވި ގޮތުގައި، ރެސްޓޯރަންޓް ސިނާއަތުގެ ބޮޑު ތަޖުރިބާއެއް ހުރި މި ދެ ކުންފުނީގެ ދަށުން ޕިއްޒާ ހަޓްގެ މުސްތަގުބަލު ބައްޓަންވެ، ވިޔަފާރި އިތުރަށް ކުރިއަރާނެއެވެ.

އެމެރިކާގެ ކެޝުއަލް ޑައިނިންގްގެ ރަމްޒެއްގެ ގޮތުގައި ބެލެވުނު ޕިއްޒާ ހަޓް ވިއްކާލުމުގެ ވިސްނުން ޔަމް! ބްރޭންޑްސް އިން ގެންގުޅޭކަން ފުރަތަމަ ހާމަކުރީ ނޮވެމްބަރު 2025 ގައެވެ. އެއީ އެމެރިކާގެ މާކެޓުގައި އެ ކުންފުނީގެ ސޭލްސް ޖެހިޖެހިގެން ދަށްވަމުންދިއުމާ ގުޅިގެންނެވެ. އެމެރިކާގެ މާކެޓަކީ ޕިއްޒާ ހަޓްގެ މުޅި ބައިނަލްއަގުވާމީ ވިޔަފާރީގެ 40 އިންސައްތަ ހިއްސާކުރާ އެންމެ މުހިންމު މާކެޓެވެ.

މިގޮތަށް ވިޔަފާރި ދަށްވާން މެދުވެރިވި މައިގަނޑު ސަބަބުތަކަކީ:

  • ވާދަވެރިކަން ބޮޑުވުން: ޑޮމިނޯސް، ޕާޕާ ޖޯންސް، އަދި ލިޓްލް ސީޒާސް ފަދަ ވާދަވެރި ބްރޭންޑްތަކުން އަގުތައް ވަރަށް ބޮޑަށް ހެޔޮކޮށް، ކަސްޓަމަރުން އަތުލަމުންދިއުން.
  • މެދުގިންތީގެ ކުންފުނިތައް: ސަރަހައްދީ ކުދި އަދި މެދުގިންތީގެ ޕިއްޒާ ކުންފުނިތަކުން ކަސްޓަމަރުންގެ ބޭނުންތަކަށް އަވަހަށް ބަދަލުވެ، "ޕިއްޒާ ހަނގުރާމަ" ގައި ކުރިހޯދުން.
  • ޑެލިވަރީ އެޕްތައް: ތާޑް-ޕާޓީ ޑެލިވަރީ އެޕްލިކޭޝަންތައް އިތުރުވުމުގެ ސަބަބުން ކަސްޓަމަރުންނަށް ކާނާގެ އެހެން ގިނަ ގޮތްތައް ފަހިވެ، ޕިއްޒާ ހަޓަށް އޮތް ޑިމާންޑް ކުޑަވުން.

ޕިއްޒާ ހަޓްގެ ތާރީޚަށް ބަލާއިރު، މި ބްރޭންޑަކީ 1958 ވަނަ އަހަރު އެމެރިކާގެ ކެންސަސްގެ ވިޗިޓާގައި ދެ ބޭފުޅަކު އިސްނަންގަވައިގެން އުފެއްދި ބްރޭންޑެކެވެ. އޭގެ ފަހުން 1977 ވަނަ އަހަރު މަޝްހޫރު ޕެޕްސީކޯއިން މި ކުންފުނި ގަތްއިރު، 1997 ވަނަ އަހަރު ޕެޕްސީކޯއިން ވަކިވެ އުފެދުނު "ޔަމް! ބްރޭންޑްސް" ގެ ދަށަށް ޕިއްޒާ ހަޓްގެ ހިންގުން ބަދަލުވިއެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިނގިރޭސިވިލާތުގައި ޕިއްޒާ ހަޓް ހިންގަމުންދިޔަ ކުންފުނި ބަނގުރޫޓުވުމާ ގުޅިގެން، އެގައުމުގައި ހިންގަމުންދިޔަ 68 ރެސްޓޯރަންޓެއް ބަންދުވެ 1,200 އަށްވުރެ ގިނަ ވަޒީފާ ނުރައްކަލަށް ހުށަހެޅުނެވެ. ނަމަވެސް، ޔަމް! އިން އެކުލަވާލި އެއްބަސްވުމެއްގެ ދަށުން އޭގެ ތެރެއިން 64 ރެސްޓޯރަންޓެއް ވަނީ ބަންދުނުކޮށް ސަލާމަތްކޮށްދީފައެވެ.

މި ބަދަލާއެކު، ޔަމް! ބްރޭންޑްސް އިން ގަސްތުކުރަނީ އެ ކުންފުނީގެ ދަށުގައި ދެން ހުރި މައިގަނޑު ދެ ބްރޭންޑް ކަމަށްވާ ކޭއެފްސީ (KFC) އަދި ޓެކޯ ބެލް (Taco Bell) ކުރިއެރުވުމަށް އެ ފަރާތުގެ ހުރިހާ ވަސީލަތްތަކާއި ސަމާލުކަމެއް ހުސްކުރުމަށެވެ.

ކަމާބެހޭ ރެގިއުލޭޓަރީ ހުއްދަތަކާއެކު، ޕިއްޒާ ހަޓް ވިއްކާލުމުގެ މި މުއާމަލާތްތައް 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most