އެންދަމަން ފޭބި ގައްދޫ މަސްވެރިއަކު މޫދު އަޑިން މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫ ކައިރިއަށް މަހަށް ގޮސް އުޅުނު ދިވެހި މަސްވެރިއަކު އެންދަމަން ފޭބި ގޮތަށް ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް، މޫދު އަޑިން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްޙާޤު ރަޝީދު (44 އަހަރު) އެވެ.
ގައްދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި އިސްހާޤު ގެއްލިފައި ވަނީ ގދ. މާވެއްދޫގެ މައިފަރު ބޭރުން (އަތޮޅު އެތެރެއަށް ވާ ގޮތަށް) މަސްދޯނި ބާއްވައިގެން އެންދަމަން މޫދަށް ފައިބައިގެން އުޅުމުގެ ތެރޭގައެވެ. މަސްދޯނިން ބަލިމީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 05:40 އެހައިކަންހާއިރުއެވެ.
އިސްހާޤު ހޯދުމަށް ހިންގި ކަނޑުމަތީގެ ހަރަކާތްތައް ކައުންސިލުން ތާވަލުކޮށްފައިވާ ގޮތަކީ:
- ހެނދުނު 06:52 – ފުލުހުންގެ 4 މީހުންގެ ޓީމެއް ހާދިސާ ހިނގި ސަރަހައްދަށް ގޮސް، ލޮލަށް ފެންނަ ހިސާބު (ސާފޭސް ސާޗް) ބަލަން ފެށިއެވެ.
- ހެނދުނު 07:10 – ގައްދޫން "ފިޝްމޭން" ނަމަކަށް ކިޔާ ދޯންޏެއްގައި 17 މީހުންގެ ސަލާމަތްތެރި ޓީމެއް ސަރަހައްދަށް ދިއުމަށް ފުރިއެވެ.
- ހެނދުނު 07:35 – އިސްހާޤު ހޯދުމަށް ފުރަތަމަ ޑައިވިން ޓީމް މޫދަށް ފޭބިއެވެ.
- ހެނދުނު 07:38 – ދެވަނަ ޑައިވިން ޓީމް މޫދަށް ފޭބިއެވެ.
އިސްހާޤުގެ ހަށިގަނޑު މޫދު އަޑިން ފެނިފައި ވަނީ ރަށުން ދިޔަ ޑައިވަރުންގެ ފުރަތަމަ ޓީމަށެވެ.
ހެނދުނު 07:49 ގައި އޭނާގެ ހަށިގަނޑު މޫދު މައްޗަށް ނެގިއިރު ވިންދެއް ނެތް ކަމަށް މޫދަށް ފޭބި ޓީމުން ވަނީ އަންގާފައެވެ. އަދި ހެނދުނު 07:58 ގައި އޭނާގެ ހަށިގަނޑު ވަނީ އެނބުރި ގައްދޫއަށް ގެންގޮސްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިސްހާޤު ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

.gif.gif&w=828&q=100)