logologologologo
STO
ކުޅިވަރު

އޮޅިގެން ބަދަލުކުރުމުން ނޭމާ ރުޅިއައިސް، އޮފިޝަލުންނާ ކުރިމަތިލައިފި

އޮޅިގެން ބަދަލުކުރުމުން ނޭމާ ރުޅިއައިސް، އޮފިޝަލުންނާ ކުރިމަތިލައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 18

ކޮރިޓީބާ އަތުން 3-0 އިން ސަންތޯސް ބަލިވި މެޗުގައި، އެ ޓީމުގެ ފޯވާޑް ނޭމާ އޮޅިގެން ދަނޑުން ބޭލި ކަމަށް ބުނެ، އޭނާ މެޗުގެ އޮފިޝަލުންނާ ބޮޑު ދެބަސްވުމަކަށް ގޮސްފިއެވެ.

މިއީ މި ހޫނު މޫސުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ސްކޮޑު އިިއުލާން ކުރުމުގެ އެއް ދުވަސް ކުރިން ކުޅުނު މެޗެކެވެ. އުމުރުން 34 އަހަރުގެ ނޭމާ ހުރީ ކޯޗަށް އޭނާގެ ހުނަރު ދައްކާލުމަށް ކެތްމަދުވެފައެވެ.

މެޗުގެ 65 ވަނަ މިނިޓުގައި ނޭމާގެ ކުޑަކަޅުވާމަސްގަނޑަށް ލިބުނު އަނިޔާއަކަށް ދަނޑުން ބޭރުގައި ފަރުވާ ހޯދަމުން ދަނިކޮށް، ހަތަރުވަނަ އޮފިޝަލް ވަނީ ނޭމާގެ 10 ނަންބަރު ބޯޑު މައްޗަށް ނަގައި، އޭނާގެ ބަދަލުގައި ރޮބީނިއޯ ޖޫނިއާ ދަނޑަށް އަރުވައިފައެވެ.

ނަމަވެސް، ހަގީގަތުގައި ދަނޑުން ބާލަން ނިންމާފައި އޮތީ ގޮންޒާލޯ އެސްކޮބާރް އެވެ. މިކަމާ ހިތްހަމަނުޖެހިގެން ނޭމާ އަލުން ދަނޑަށް އަރަން އުޅުމުން ރެފްރީ ވަނީ އޭނާއަށް ރީނދޫ ކާޑެއް ދައްކާފައެވެ.

އެއަށްފަހު، ނޭމާ ވަނީ އޮފިޝަލުންގެ އަތުން ބަދަލުކުރި ކުޅުންތެރިޔާގެ ސްލިޕް އަތުލައި، ޓީވީ ކެމެރާގެ ކުރިމައްޗަށް ދައްކާފައެވެ. އެއީ އޭނާގެ ބަދަލުގައި ބާލަން އޮތީ އެސްކޮބާރްކަން ސާބިތުކޮށްދިނުމަށެވެ. އެންމެ ފަހުން ނޭމާ ދަނޑުން ފޭބީ ކެޕްޓަން ބޭންޑް އެސްކޮބާރްއާ ހަވާލުކުރުމަށްފަހުއެވެ.

"ހަތަރުވަނަ އޮފިޝަލަށް ކުޅުންތެރިޔާ ބަދަލުކުރުމުގައި އޮޅުމެއް އެރީ. މިކަން ޓީވީ ކަވަރޭޖުންނާއި އޮފިޝަލުން ގެންގުޅުނު ނޯޓުން ވެސް ކަށަވަރުވޭ. މިއީ އެއްގޮތަކަށްވެސް ގަބޫލުނުކުރެވޭނެ އަދި އިސްލާހުވެސް ނުކުރި ބޮޑު ގޯހެއް." ސަންތޯސްއިން ނެރުނު ބަޔާނުގައި ބެފައިވެއެވެ.

ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 79 ލަނޑު ޖަހައިދީފައެވެ. ނަމަވެސް، އަނިޔާގެ މައްސަލަތަކާ ހުރެ 2023 ވަނަ އަހަރުގެ ފަހުން އޭނާ ބްރެޒިލް ޓީމަށް ކުޅެފައެއް ނުވެއެވެ. އޭނާ ސަންތޯސްއާއެކު ހަދާފައިވާ ކޮންޓްރެކްޓް 2026 ގެ ނިޔަލަށް އާކުރީ ވެސް މިފަހަރުގެ ވޯލްޑް ކަޕުން ފުރުސަތެއް ހޯދުމުގެ އުންމީދުގައެވެ.

މިއަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައެވެ. ބްރެޒިލްގެ ފުރަތަމަ މެޗުގައި ޖޫން 13 ގައި ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. މި ގްރޫޕްގައި ދެން ބްރެޒިލް ވާދަކުރަން ޖެހޭނީ ހެއިޓީ އަދި ސްކޮޓްލޭންޑާއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް