logologologologo
STO
ވިޔަފާރި

ތެޔޮ ނުލިބި މަސްދޯނިތައް ހުއްޓިއްޖެ ކަމަށް ބުނެ ފެތުރި ޚަބަރު ވަޒީރު ދޮގު ކުރައްވައިފި

ތެޔޮ ނުލިބި މަސްދޯނިތައް ހުއްޓިއްޖެ ކަމަށް ބުނެ ފެތުރި ޚަބަރު ވަޒީރު ދޮގު ކުރައްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 18

ތެޔޮ ނުލިބި މަސްދޯނިތައް ހުއްޓިއްޖެ ކަމަށް ބުނެ ފެތުރި ޚަބަރު، މަސްވެރިކަމާއި ދަނޑުވެރިކަމާ އަދި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ދޮގު ކުރައްވައިފިއެވެ.

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ތެޔޮ ނުލިބި މަސްދޯނިތައް ހުއްޓިއްޖެކަމަށް ބުނެ "ދައުރު" ނޫހުގައި މިއަދު ވަނީ ރިޕޯޓެއް ޝާޢީއުކޮށްފައެވެ.

މި ވާހަކަތައް ދޮގުކުރައްވާ ޝިޔާމް ވިދާޅުވީ އެއީ ތެދު ޚަބަރެއްނޫން ކަމަށާއި މި އުނދަގޫ ޙާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހިމަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން ކަމަށެވެ.

ވަޒީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އެހާމައްޗަށް އަރައިގެންދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށްވެސް ގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުން ކަމަށާއި އެކަން މަސްވެރިންވެސް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަ ކަމަށެވެ.

"ނޫހުގައި ތިފަދަ ހެޑްލައިންއެއް ހައްދަވާއިރު ކަންއޮތްގޮތް ރަނގަޅަށް ބައްލަވާލެއްވިނަމަ ހާދަރަނގަޅުވީހޭ ހިތަށްއަރާ." ޝިޔާމް ހިއްސާ ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މުޅިރާއްޖެއަށްވެސް އެންވެެރިކަން ރަނގަޅުވާން ފެށުމާއިއެކު މަސްވެެރިކަންވެސް އަންނަނީ ރަނގަޅުވަމުން ކަމަށެވެ.

ސަރުކާރުން ދަނީ މަސްވެރިންގެ ކަންކަން މި ޙާލަތުގައި ވެސް ގާތުން ބަލަމުން، މަސްވެރިންނަށް އެންމރ ރަނގަޅު ގޮތްތަކަށް މަސައްކަތް ކޮށްދެމުން ކަމަށާއި މަސްވެެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފުނުވުނުވުމުގެ މަސައްކަތްތައްވެސް ކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސްވެެރި ސިނާޢަތުގައި ޙަރަކާތްތެެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދުނުމަށް ވެސް ސިނާޢަތުގެ މަޝްވަރާއާއެކު ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރަމުން ކަމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ތެޔޮލިބުން ދަތިވެ ތެލުގެ އަގަށް ސަރުކާރުން ބަދަލުގެނައި ނަމަވެސް މަސްވެރިންނަށާއި ކަންނެލި މަސްވެރިންނަށް ތެޔޮ ވިއްކަމުން ދަނީ ހެޔޮ އަގުގައިކަން ފާހަގަ ކުރެވެއެވެ.

MALDIVE GASAllied Insurance