
އިރާނަށް ތާއީދު ކުރުމުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ހޮންޑާއަށް އެމްރިކާ ކުންފުންޏަކުން ފިޔަވަޅު އަޅައިފި
ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި އިރާނުން ބައިވެރިވުމަށް ތާއީދުކޮށް ވާހަކަދެއްކުމާ ގުޅިގެން، އެމެރިކާގެ ކުންފުންޏަކާއެކު ހަދަން އުޅުނު އިޝްތިހާރު އެއްބަސްވުމެއް ކެންސަލްވެފައިވާ ކަމަށް ޖަޕާނުގެ ފުޓްބޯޅަ ލެޖެންޑް ކެއިސޫކޭ ހޮންޑާ ބުނެފި އެވެ.
އުމުރުން 39 އަހަރުގެ ހޮންޑާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕުގައި އިރާން ވާދަކުރަން ބޭނުންވާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި އޭނާގެ އެ ވާހަކައާ ގުޅިގެން، އެމެރިކާގެ ކުންފުންޏަކުން ވަނީ އޭނާއާ އެކު ހަދަން އުޅުނު އެއްބަސްވުމެއް މަޑުޖައްސާލާފަ އެވެ.
އޭނާއާ އެކު އިސްތިހާރުގެ އެއްބަސްވުން އުވާލީ ކޮން ކުންފުންޏެއް ކަމެއް ހޮންޑާ ނުބުނެ އެވެ. އިޝްތިހާރު ކެންސަލްވުމާ ގުޅިގެން އޭނާ އެ ކުންފުންޏަށް ވަރުގަދަ ރައްދުތަކެއް ދީފަ އެވެ. އޭނާ ބުނީ ކަންކަމުގެ އަސްލު ހަގީގަތަށް ބެލުމެއް ނެތި، ގޮތް ނިންމާ ކުންފުނިތަކާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށެވެ.
ޖުލައި 2024 ގައި ކުޅުން ހުއްޓާލައި ކޯޗިންއަށް ބަދަލުވި ހޮންޑާ އަކީ ޖަޕާނުގެ ފުޓްބޯޅަ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2010، 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަޕާން ތަމްސީލުކޮށްފައެވެ. އިޓަލީ އޭސީ މިލާން ފަދަ ޔޫރަޕުގެ ބޮޑަތި ކުލަބުތަކަަށް ވެސް ހޮންޑާ ވަނީ އޭނާގެ ފުޓުބޯޅަ ކެރިޔަރުގައި ކުޅެދީފަ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most