logo
logo
ގައުމީ ޓީމުގެ ގިނަ ކުޅުންތެރިތަކެއް ހިމެނޭ ދެއްވަދޫ "ސައިޒު ކުރުމަށްފަހު" ނައިވާދޫ ރާއްޖޭގެ ފުޓްސަލްގެ ރަސްކަމަށް

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިތަކެއް ހިމެނޭ ދެއްވަދޫ "ސައިޒު ކުރުމަށްފަހު" ނައިވާދޫ ރާއްޖޭގެ ފުޓްސަލްގެ ރަސްކަމަށް

2026 ފެބްރުއަރީ 15
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ފައިނަލުގައި ގއ. ދެއްވަދޫ 9-3 އިން ބަލިކޮށް، ހދ. ނައިވާދޫން ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ޗެމްޕިއަންކަން، ހޯދައި ރާއްޖޭގެ ފުޓްސަލްގެ އެންމެ އުހަށް ޖެހިލައިފިއެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި، ކ. ކާށިދޫ އަތުން 4-1 އިން ބަލިވި ނައިވާދޫން މި ވަނީ ތަފާތު ރޫހެއް ދައްކައި، އަލުން ފައިނަލުގައި ވާދަކޮށް ތަށި ހޯދައިފަ އެވެ. ރެެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލުގައި ނައިވާދޫން ވަނީ ދެއްވަދޫ ކައިރީ މުޅި މެޗަށް ބަލާއިރު ވެސް ރަނގަޅު ކުޅުމެއް ދައްކައި، ހައްގުވާ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ 15 ސިކުންތުގެ ތެރޭގައި ދެއްވަދޫން ވަނީ ލަނޑު ޖަހައި ނައިވާދޫ ޓީމު ހާސްކޮށްލައިފައެވެ. އެ ގޯލު ދެއްވަދުއަށް ކާމިޔާބުކޮށްދިނީ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. ނަމަވެސް ނައިވާދޫން މެޗުގެ ނަތީޖާ ހަމަހަމަކުރަން މާ ގިނައިރުތަކެއް ނުނެގިއެވެ.

ނައިވާދުއަށް ލިބުނު ހިލޭ ޖެހުމެއް ކާމިޔާބުކޮށްގެން ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

އޭގެ ފަހުގައި ދެން ފެނިގެން ދިޔައީ ނައިވާދޫން ފުލުފުލުގައި ލަނޑުތައް ޖަހައި ދެއްވަދޫ ޕްރެޝަރަށް ދުއްވާލި ތަނެވެ. ނައިވާދޫގެ ތިން ލަނޑު ކާމިޔާބުކޮށްދިނީ އައްމަޑޭގެ އިތުރުން އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ޔާމީން މުހައްމަދު (ޔާންޓެ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ނައިވާދޫ ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން ދެއްވަދޫން ކުޅުން ރަނގަޅުކޮށް ރާއްކޮގެ ގޯލުން އުންމީދެއް ހޯދައިފަ އެވެ. އެކަމަކު، ހުސެއިން މައިޝާން (ޓޯނު) ވަނީ ލަނޑެއް ޖަހައި އަލުން ނައިވާދޫގެ ލީޑުފުޅާކޮށްދީފަ އެވެ. މުހައްމަދު އިމްރާން (އިންމި) ދެއްވަދޫގެ ތިން ވަނަ ލަނޑު ޖެހިއިރު، ޕަވަޕްލޭގައި ދެއްވަދުން ކުރިއަށް ޖެހިގެން ކުޅުނުއިރު، ޝާއްޕެ އިތުރު ދެ ގޯލުޖަހައި ހެޓްރިކެއް ހެދިއިރު، ޓޯނު ވެސް ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. އަދި، އަބްދުﷲ ވިސާމް (ވިޝާންޓެ) ވެސް ލަނޑު ޖެހި އެވެ.

ފުޓްސަލް ކިންގްގެ މަގާމު ލިބުނީ ޔާންޓެ އަށެވެ. ގަދަ ފަހެއްގައި ހިމެނެނީ، ނައިވާދޫގެ ޔާންޓެ އާއި އައްމަޑޭގެ އިތުރުން، ދެއްވަދޫގެ އަލީ ހަަައިޝަމް (ޗުމްޕު) އާއި އއ. މަތިވެރީގެ އަލީ އަލްސަން އަދި ރ. ދުވާފަރުގެ މުހައްމަދު އިސާމް (ޝަންޓެ) އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ، އޭދަފުށީގެ އަބްދުﷲ ނާސިހު އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ތިމަރަފުށީގެ 18 އަހަރުގެ ކީޕަރު، ސާއިފް އަލީ އެވެ. އެންމެ ގިނަ ގޯލު ޖެހީ، 13 ލަނޑު ޖެހި ށ. ކަނޑިތީމުގެ ރައުލް ނިޔާޒް އެވެ. ފެއާޕްލޭ ޓީމަކަށް ކ. ގާފަރު ހޮވުނުއިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކީ ނައިވާދޫ އެވެ. އަދި، އެންމެ މޮޅު ކޯޗަކީ، އެ ޓީމުގެ މުހައްމަދު ނާޝިދު އަހުމަދު ނަސީމް (ނާއްޓެ) އެވެ.

މިއީ، ގޯލްޑަންގެ 10 ވަނަ މުބާރާތެވެ. މީގެ ކުރިން މި މުބާރާތުގެ ތަށި ހޯދާފައިވަނީ، ތ. ތިމަރަފުށި ތިން ފަހަރުގެ އިތުރުން، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، މާފަންނު، ހެންވޭރު އަދި ކ. ކާށިދޫ އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most