
ހަނިފަރަށް ޑައިވިންއަށް ދިޔަ ބަޔަކަށް ދޮންފަނު ދޯންޏަކުން ހުރަސްއަޅައިފި!
ޒައުޖަތު އަޙުމަދުބ. ދޮންފަނު ކައިރީ އޮންނަ ހަނިފަރު ބޭއަށް ފީނަން ދިޔަ ބަޔަކަށް ދޮންފަނު ދޯންޏަކުން ހުރަސްއަޅައިފިއެވެ.
ހަނިފަރު ބޭއަށް ފީނަން ދިޔަ ދޯންޏެއް ހުއްޓުވީ މިއަދު ދޮންފަނު ބޭރުގައި މުޒާހަރާ ކުރަމުންދާ އެ ރަށުގެ ރައްޔިތުން ތިބި ދޯންޏަކުންނެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ފީނަން ދިޔަ ދޯނީގެ މީހުން ވަނީ އާންމުކޮށްފައެވެ.
ދޮންފަނުން ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަން ތައްޔާރުވަމުން ދާތީ ކަމަށްބުނެ އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވް ކުރުން އެ ރަށު ކައުންސިލުން އިއްޔެ ވަނީ މަނާކޮށްފައެވެ.
މިކަމާއި ގުޅިގެން އެލްޖީއޭއިން ވަނީ ދޮންފަނު ކައުންސިލްގެ އެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލް ކުރަން އެ ކައުންސިލަށް އަންގައިފައެވެ.
އެލްޖީއޭ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކައުންސިލްގެ އިހުތިސާސް ބޭނުން ކުރުމާ ގުޅޭ ގޮތުން، ލާމަރުކަޒީ ގާނޫނުގެ 3-56 މާއްދާގެ (ހ) ގައި ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްގެ ގޮތުގައި ކަނޑައަޅާފައި ވިޔަސް އެ ތަންތަނުގައި ގާނޫނަކުން މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި ނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވާ ކަމަށެވެ.
ދޮންފަނު ކައުންސިލްގެ މި ނިންމުމާއި ގުޅިގެން މަޓާޓޯއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.
މަޓާޓޯއިން ބުނީ ދޮންފަނުގެ ފަރާއި ފަރުން ފެށިގެން 700 މީޓަރުގެ ސަރަހައްދެއް މަނާކުރުމުން ބަންދުވީ ހަމަ އެކަނި ދޮންފަނު ފަރު ނޫން ކަމަށާއި އޭގެ ސަބަބުން އެ ބަންދުވީ ސަފާރީ އުޅަނދުތަކާއި ގެސްޓް ހައުސްތަކުން ފުޅާދާއިރާއެއްގައި ބޭނުންކުރާ ވިލުތައް ވެސް ހިމެނޭ ސަރަހައްދެއް ކަމަށެވެ.
މަތާޓޯއިން ބުނީ ހަނިފަރުބޭ ފަދަ ސަރަަހައްދުތަކަކީ ހަމަ އެކަނި ދޮންފަނުގެ ހަޒާނާއެއް ނޫން ކަމަށާ އެއީ ހުރިހާ ދިވެހިން އަދި އަންނަން އޮތް ޖީލުތަކުގެ ވެސް ޙައްޤެއްކަމަށެވެ.
ދޮންފަނުގެ ބިން ހިއްކުމަށް ސަރުކާރުން މިދިޔަ މަހު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނިކޮށް، ދޮންފަނުގެ ބިން ހިއްކުމުން ހަނިފަރު ބޭއަށް ގެއްލުން ވާނެ ކަމަށްބުނެ ގިނަ ބަޔަކު ސޯޝަލްމީޑިއާގައި ބިން ހިއްކުމާއި ދެކޮޅަށް ވަނީ އަޑު އުފުލައިފައެވެ.
މިކަމާއި ގުޅިގެން ދޮންފަނުގެ ބިން ނުހިއްކުމަށް ސަރުކާރުން ނިންމިއެވެ. މި ނިންމުމާއިއެކު އަނެއްކާވެސް ދޮންފަނުގެ ބިން ހިއްކަން ޖެހޭ ކަމަށް ބުނެ އެ ރަށު ރައްޔިތުން ދަނީ އަޑުއުފުލަމުންނެވެ. އަދި އެ ސަރަހައްދުގައި ފީނުން ބަންދު ކުރީވެސް އެ ރަށު ބަޔަކު ކަނޑުމަތީގައި މުޒާހަރާ ކުރަން އުޅޭތީ ކަމަށް ބުނެއެވެ.
ދޮންފަނު ކައިރީގައި އޮންނަ ހަނިފަރު ބޭ އަކީ ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިސަރަހައްދެކެވެ. ކުޑަ ފަޅުރަށެއްވެސް ހިމެނޭ އެސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅައި ކިރުދޫންޏާއި ކުރަނގި އަދި މާރަނގަ ފަދަ ކަނޑުމަތީގެ ދޫނިތައް ނިދަން އަރައި ހަދައެވެ. ގުދުރަތީ މުއްސަނދިކަން ލިބިގެންވާ ހަނިފަރު ބޭ އަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވަރަށް މަޤުބޫލު ތަނެއްކަން ފާހަގަކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most

