logo
logo
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކު ކުރުން ހައްދުން ނައްޓާފި، އާންމުންނަށް އެތަކެއް ތަކުލީފެއް

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކު ކުރުން ހައްދުން ނައްޓާފި، އާންމުންނަށް އެތަކެއް ތަކުލީފެއް

2024 ޖުލައި 24
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ވެރިރަށް މާލެ އަދި މާލެ ސަރަހައްދަކީ ސަރަހައްދަކީ މުޅި ރާއްޖޭގެ އާބަދީގެ ބޮޑުބައެއް ދިރިއުޅޭ ތަނެވެ. މާލޭ އަދި މާލެ ސަރަހައްދުގެ ޕާކިންގް މައްސަލައަކީ ވަރަށް އަވަހަށް ހައްލުކުރަންޖެހިފައިވާ މައްސަލައެކެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ނަގާފައި އެންމެ އަވަސް ހައްލެއް ބޭނުންވާ ކަމަކީ ޕާކިންގެ މައްސަލައޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ. މާލެ ސަަރަހައްދުގެ ޕާކިންގެ ކަންކަން ހުރިނެތްގޮތް ބަލާލަން ދުވެލި ޓީމްއިން މާލެ އަދި މާލެ ސަރަހައްދުގައި ދުއްވާލީމެވެ.

މާލެ އަދި ހުޅުމާލޭގެ މަގުތަށް ބަލާލުމަށް ދުއްވާލިއިރު ފާހަގަވި ކަމަކީ ޕާކު ކުރުމުގައި ގިނަބަޔަކު އެއްވެސް ހަމައެއްހަލަމެއް އުސޫލެއްނެތި ޕާކު ކުރަމުންދާ މަންޒަރެވެ. މިސްކިތްތަކުގެ ދޮރުމަތީގަޔާ ކަފިހި ހުރަސްތަކުގެ މަތީގަ އަދި ބައެއް ވެހިކަލްތައް ދުވާރުމަތީގައި ޕާކުކޮށްފައިވާތަން ވެސް އަޅުގަނޑުމެން ދުށީމެވެ. ހަނި ގޯޅިތަކުގައި ވެހިކަލްތަކަށް ނުދުއްވޭނެ ހެންނާ ހިނގާބިނގާވެ އުޅެން އުނދަގޫ ވާނެހެން ވެސް ޕާކުކުރުން މިވަނީ އާންމުވެފައެވެ. ނިމުނީކީ ނޫނެވެ. ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ދޫކޮށްފައިވާ ޖާގާގަވެސް ޕާކު ކޮށްފައިވާ ވެހިކަލްތައްވެސް މަދެއްނޫނެވެ. ހިތާމައަކީ އެކަން އެކަން އެގޮތަށް ކުރީމައި އެ ހާއްސަ އެހީއަށް ބޭނުންވާ މީހާއަށް ކުރިމަތިވާނެ ދަތިތަކާމެދު ވިސްނާލާނެ މީހަކުވެސް ނެތްކަމެވެ.

މާލޭ ސަރަހައްދުގައި ވެހިކަލްތައް އިންތިހާއަށް ގިނަވެ އަދި ގަވާއިދާ ހިލާފަށް ޕާކު ކުރުން އިތުރުވުމުގެ ސަބަބުން މަގުމަތީގައި ރައްކާތެރި ކަމާއިއެކީ ހިނގައި އުޅުމާއި ވެހިކަލް ދުއްވުން ވަނީ ދަތިވެފައެވެ. މާލެ ސަރަހައްދުގައި ގެންގުޅޭ ގިނަ ވެހިކަލްތަކީ ގަރާޖެއްގެ ދަށުން ރަގިސްޓްރީ ކުރިނަމަވެސް މަގުމަތީގައި ބާއްވާ ވެހިކަލްތަކެވެ. މިކަމުގެ ސަބަބުން މި އުޅަނދުތައް މާލޭގެ މަގުތަކުގެ 65% އަބަދުވެސް ބޭނުންކުރަމުންދާ ކަމަށް މިކަމާގުޅޭ އިދާރާތަކުން ބެލި ބެލުމުންވަނީ ހާމަވެފައެވެ. މިކަމުގެ ސަބަބުން މަގުތައް އިރުރަށް ތޮއްޖެހި މަގުމަތީ ދުއްވާ އަދި ހިނގާބިނގާވެއުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވެއެވެ.

މާލެ ސރަހައްދުގައި ނުގަވާއިދަށް ޕާކު ކުރުމުގެ މައްސަލާގައި ވެހިކަލް ދުއްވާ ފަރާތް އެކަނި ގޯސްކޮށްގެން ފަރުޖެހޭކަށްވެސް ނެތެވެ. ވެހިކަލްތައް ރަޖިސްޓްރީޮށްދިނުންވެސް މީގެ ކުރިން އޮތީ ވިޔަފާރިއަކަށް ބަދަލުވެފައޭ ބުނުން ވެސް ދޮގަކަށް ނުވާނެއެވެ. ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގެ ހާލަތު އާންމު ދިރިއުޅުމަށް ދަތިވާ ހާލަތަކަށް ވަނީ ގޮސްފައިވާ މައިގަނޑު އެއް ސަބަބަކީ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަނުކޮށް ރަޖިސްޓްރީކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުނ،ް އާދަޔާ ޚިލާފަށް މާލޭގެ ސަރަހައްދަށް އުޅަނދުތައް ގިނަވުމެވެ. ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއ،ި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު އެކަން އެގޮތަށް ކުރި ކައުންސިލެއް މި ރާއްޖޭގައި ހުރިހެނެއްވެސް ހިޔެއްނުވެއެވެ. މިގޮތަށް އަމަލުކުރެވިފައިނުވާ މައިގަނޑު އެއް ސަބަބަކީ އެކުލަވާލާފައިވާ ގަވާއިދަކ،ީ ތަންފީޒުކުރުމަށް އެކަށޭނެ މިންގަޑަށް ނުފެތޭ ގޮތަށް ހެދިފައިވާ ގަވާއިދަކަށް ވާތީއެވެ.

ކާރޫބާރު ބޮޑު މި މާލެ ސަރަހައްދުގެ ވެހިކަލްތަކުގެ އަދަދުތައް އުޅެނީ އަޅުގަނޑުމެން ހީނުކުރާވަރަށް ވުރެވެސް މަތީގައެވެ. ގްރޭޓަރ މާލެ ސަރަޙައްދުގައި 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 2 ފުރޮޅުލީ އުޅަނ ދުގެ % 70 އަކީ މާލެ ސަރަހައްދަށް ރަޖިސްޓަރ ކުރެވިފައިވާ އުޅަނދުފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.

މާލެ ސަރަހައްދުގައި އުޅަނދުފަހަރު ގިނަވެ ކާރޫބާރު ބޮޑުވެ އަދި ނުގަވާއިދަށް ޕާކުކުރުން އިތުރުވުމަކީ މަގުމަތީގެ އަމާންކަން ގެއްލި ނުރައްކާތެރި އެކްސިޑެންޓްތަށް ކުރިމަތިވުމަށް ހުޅިވިގެންގޮސްފައިވާ ދޮރެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު ޖުމްލަ 4488 މަގުމަތީ އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި މި އަދަދު ދަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އަދި އާންމުންނަށް ދަތި ނުވާގޮތަށް ކަންކަން ކުރުމަށްޓަކައި ގަވާއިދާ އެއްގޮތަށް ޕާކު ކުރުމަކީ އެ އުޅަނދުފަހަރުތައް ދުއްވާ ފަރާތްތަކުން ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު ކަމެވެ. އަދި އެކަށީގެންވާ ވަރަށް ޕާކުކުރާނެ ޖާގަ ނެތްނަމަ އެކަމަށް އަވަސް ހައްލެއް ހޯދާދިނުމަކީ ކަމާގުޅުންހުރި ފަރާތްތަކުން އަވަސް ދުވެއްޔެއްގައި ކުރަންޖެހޭ ކަމެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most